ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމާފައިވާ ކުޑަކުދިންނާމެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް ހިމެނޭ ފޮތެއް މިއަދު ނެރެފި އެވެ.

"ހައިކޯޓު ރިޕޯޓަރ 2" ގެ ނަމުގައި ހައި ކޯޓުން މިއަދު ނެރުނު ފޮތުގައި ހިމެނެނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާފައިވާ ތާރީހުން ފެށިގެން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާފައިވާ މައްސަލަތަކެވެ. އެއީ ޖުމްލަ 46 މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެވެ.

އެ ފޮތް ނެރުމަށް މިއަދު ހައި ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ކުޑަކުދިންގެ މައްސަލަތަކަކީ ސިއްރުން ކުރިއަށް ގެންދެވޭ މައްސަލަތަކެއް ކަމަށާއި، މިއަދު ނެރުނު ފޮތުގައި ހިމަނާފައިވާ ރިޕޯޓުތަކަކީ މީގެ ކުރިން ހަމައެކަނި ފަނޑިޔާރުންނަށް އަދި ވަޑައިގަންނަވާ ވަކީލުން އަދި ކުށްވެރިންނަށް އެނގޭނެ ރިޕޯޓުތަކެއް ކަމަށެވެ.

ކުޑަކުދިންގެ މައްސަލަތައް ނިމޭ ގޮތުގެ ރިޕޯޓު އާންމުކޮށް ލިބެން ހުރުމަކީ ގާނޫނީ ވަކީލުންނާއި އެހެން ބައެއް ފަރާތްތަކުންގެ ވެސް ވަރަށް ބޮޑު އެދުމެއް ކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ އެ ފޮތުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ހައިކޯޓު ރިޕޯޓަރ 2" ނެރެދެއްވީ ރިޓަޔަރޑް ފަނޑިޔާރު އައްބާސް ޝަރީފު އެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވީ މިއަހަރުގެ އޭޕްރީލްއާ ހަމައަށް މައްސަލަތައް ނެރުނު ނަމަވެސް އޭގެ ފަހުން ނިންމި މައްސަލަތަކާއި ކުރިއަށް އޮތްތަނުގައި ނިންމާ މައްސަލަތައް ވެސް ހަމައެކަނި އީބުކްއަށް އަޕްޑޭޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެހުނަމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއަދު ނެރުނު ފޮތުގައި މައްސަލަތަކުގެ ރިޕޯޓުތައް ހިމަނާފައިވީ ނަމަވެސް ވިކްޓިމްއާ ހެކިންގެ ނަންތައް ހާމަކޮށްފަ އެއް ނުވެ އެވެ. ހައިކޯޓުން ބުނީ އެއީ ރިޕޯޓުތަކުގައި ހިމެނޭ ފަރާތްތަކުގެ ޒާތީ މައުލޫމާތުކަމުން އެ މައުލޫމާތު އުނިކުރީ ކަމަށެވެ.

ހައި ކޯޓުން މިދިއަ އަހަރު ވެސް ވަނީ "ހައިކޯޓު ރިޕޯޓަރ"ގެ ނަމުގައި ފޮތެއް ނެރެފަ އެވެ. އެ ފޮތް ހާއްސަކޮށްފައި ވަނީ ހައިކޯޓުން ނިންމާފައިވާ އާއިލީ މައްސަލަތަކަށެވެ.