ސްކޫލް ބަންދު ދުވަސް ވަރު ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޚިތާން ކޭމްޕް އޭޑީކޭ ހޮސްޕިޓަލުން މިއަހަރު ވެސް ފަށައިފި އެވެ.

އެހޮސްޕިޓަލުން ބުނީ މި އަހަރުގެ ހިތާން ކޭމްޕް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ދުވާލަކު ހިތާނު ކުރެވޭނީ 10 ކުދިން ކަމަށާއި އެކަމަށް ޓަކައި ހަތަރު ޑޮކްޓަރުން ހާއްސަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އޭޑީކޭގައި ހިތާން ކުރާ ކުދިން ބޭތިއްބުމަށް 20 އެނދުގެ ޖާގައިގެ ތަނެއް ވަނީ ތައްޔާރުކޮށްފަ އެވެ.

ކޮންމެ އަހަރަކު ވެސް ސްކޫލް ބަންދުގައި ގިނަ އަދަދެއްގެ ކުދިން ހިތާން ކުރެ އެވެ. އެހެންވެ، އޭޑީކޭގެ އިތުރުން އައިޖީއެމް އެޗް އިން ވެސް ވަނީ ހިތާން ކޭމްޕެއް ފަށާފަ އެވެ. އެހޮސްޕިޓަލުގައި މި މަހުގެ 21 ވަނަ ދުވަހު ފެށި ކޭމްޕްގައި ދުވާލަކު ހިތާނު ކުރަމުން އަންނަނީ 15 ކުދިންނެވެ.