ހަށިގަނޑުގެ މައިބަދައިގެ ދެބަދަ ދޭތެރޭގައި ހުންނަ ޑިސްކު ކައްސާލުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ޑިސްކް ކައްސާލުމަށް ގިނަ ފަހަރު ދިމާވަނީ ޑިސްކަށް ކޮންމެވެސް ގޮތަކަށް ގެއްލުން ލިބުމުންނެވެ. އޭގެ ސަބަބުން ޑިސްކް ވަށައިގެންވާ ނާރުތަކަށް ބާރުކޮށް ބުރަކަށްޓާއި އުނަގަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދައްކަ އެވެ. މައިބަދައިގެ ޑިސްކަކަށް އެ ފަދަ ގޮތަކަށް މެދުވެރި ވުމުންދޭ ބައެއް ފަރުވާތަކާއި ކުރެވިދާނެ ކަސްރަތު ފާހަގަ ކޮށްލާނަމެވެ.

އާއްމުކޮށްދޭ ބޭސް ފަރުވާ

ޑިސްކެއް ކައްސާލުމުން އާއްމުކޮށްދޭ ބޭހަކީ ޑިސްކަށް ލިބުނު ގެއްލުމުގެ ސަބަބުންވާ ތަދު ފަސޭހަ ކުރުމަށް ދޭ ބޭހެވެ.

ޑިސްކް ކައްސާލުމުން އެ ޑިސްކް ކުރިން ހުރި ގޮތަށް އިޔާދަ ވުމަށް ޓަކައި މީހާ ހެލިފެލިވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ބުރަކަށީގައި ރިއްސުމުގެ ސަބަބުން އެއީ ގިނަ މީހުންނަށް ކުރަން އުނދަގުވާނެ ކަމެކެވެ. އެހެންކަމުން ނަން ސްޓެރޮއިޑަލް އެންޓި އިންފްލެމޭޓަރީ ޑްރަގްސް (އެންސެއިޑްސް) އަކީ ބުރަކަށީގައި ރިއްސުން ފަސޭހަ ކުރުމަށް ދޭ ބޭހެކެވެ.

ކޯޑީން އާއި ކޯޓިކޯސްޓެރޮއިޑްސް އަކީ މަތީގައިވާ ބޭސް ބޭނުން ކުރުމުން ތަދު ރަނގަޅު ނުވެއްޖެ ނަމަ ދޭ ބާރުގަދަ ބޭސްތަކެވެ.

ފައިގެ ނުވަތަ ބުރަކަށީގެ މަސްތަކަށް ތަދުވާނަމަ ދޭނީ މަސްތަކަށް ފަސޭހަ ކޮށްދޭ މަސުލް ރިލެކްޒެންޓްސް އެވެ.

ޑިސްކަށް ގެއްލުން ވުމުން އެންމެ ގިނައިން ޑޮކްޓަރުން ލަފާ ދެއްވަނީ ފިޒިއޮތެރަޕީ ކްލާސްތަށް ނެގުމަށެވެ. އެ ކްލާސްތަކުގައި އެމީހަކަށް ހާއްސަ ކަސްރަތުތަކާއި މަސާޖް ކުރެވޭނެ ގޮތްތައް ފިޒިއޮތެރަޕިސްޓަކު ދަސްކޮށްދޭނެ އެވެ.

ސާޖަރީ އަކީ ބަލިމީހާގެ ހާލަތު މާބޮޑަށް ދަށް ވުމުން ދޭ ފަރުވާ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ޑިސްކަށް ގެއްލުންވާ މީހުންގެ ތެރެއިން ސާޖަރީ ހަދަން ޖެހެނީ 10 މީހުންގެ ތެރެއިން އެކަކެވެ. އެ އޮޕަރޭޝަނަކީ ބަލިމީހާ އަށް ކޮޅަށް ހުރުމަށާއި ހިނގަން އުނދަގޫ ވުމުން ޑިސްކް ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ. ޑިސްކަށް މާބޮޑަށް ގެއްލުން ވެފައި ހުރި ނަމަ ޑިސްކު އެއްކޮށް ނެގުމަށް ފަހު 'ޕްރޮސްތެޓިކް' ޑިސްކެއް ލާން ޖެހިދާނެ އެވެ.

ކުރެވިދާނެ ކަސްރަތު

ކުރިންވެސް ފާހަގަ ކުރި ފަދައިން މައިބަދައިގެ ޑިސްކެއް ކައްސާލަމުން މީހާ ހެލިފެލިވެ އުޅުމަކީ ވަރަށް މުހިންމު ކަމަކެވެ. އެގޮތުން ބުރަކަށީގެ މަސްތައް ވަރުގަދަ ކުރުމަށް ޓަކައި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަރަކަށް ކަސްރަތު ކުރުމަށް އިސްކަންދޭންވާނެ އެވެ.

ޑިސްކަށް ގެއްލުން ވެފައިވާ މީހަކު ކަސްރަތު ކުރުން އެންމެ ރަނގަޅީ ބިން މަތީ ނުވަތަ އެނދު މަތީގައި އޮށޯވެ އޮވެގެންނެވެ.

އާއްމުކޮށް ބަނޑުގައި ހުންނަ މަސްތައް ވިރުވުމަށް ކުރާ ކަސްރަތެއް ކަމަށްވާ 'ކްރަންޗެސް' ހެދުމަކީ ޑިސްކް ކައްސާލާފައި ހުންނަ މީހުންނަށް ވެސް ފައިދާ ހުރި ކަސްރަތެކެވެ.

މީގެ އިތުރުން ބުރަކަށީގެ ތިރީ މަސްތަކުގެ ރިއްސުން ރަނގަޅު ކުރުމަށްޓަކައި 'ލަމްބާ ރޯލް' ކިޔާ ކަސްރަތެއް ކުރެވިދާނެ އެވެ. އެ ކަސްރަތުކުރުމަށް އޮށޯވެގެން އޮވެ ދެ އަތް ދެ ފަރާތުގައި ބާއްވާށެވެ. އަދި ކަކޫ ލަމްބާލުމަށް ފަހު، އުނަގަނޑުން ދެ ފައި ކަނާތް ފަރާތަށް ގެންދާށެވެ. ދެން ވާތް ފަރާތަށް ގެންދާށެވެ. ކަސްރަތު ކުރާ ކޮންމެ ފަހަރަކު، ލަމްބާ ރޯލް ފަސް ފަހަރަށް ހެދުން އެކަށީގެންވެ އެވެ.