06 Apr 2011, 12:25
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީގައި ހާލުގައިޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ "ޖަޕާނާއެކު ދިވެހިން" ޓެލެތޯނަށް ލިބުނު 8.5 މިލިއަން ރުފިޔާ އާއި ގިނަ އަދަދެއްގެ ދަޅު މަހުގެ އެހީ، ރަމްޒީކޮށް ޖަޕާނު ސަރުކާރާ ރޭ ހަވާލުކޮށްފި އެވެ.
ޖަޕާނަށް އެހީވުމަށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގެ ނިމުން ފާހަގަކުރަން ރޭ ޓްރޭޑާސް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ޖަޕާނުގެ ސަފީރު ކުނިއޯ ޓަކަހާޝީއާ އެ އެހީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު ރޭ ވިދާޅުވީ، ޖަޕާނަކީ 1970 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތަރައްގީކުރުމަށް އެންމެ ގިނަ ޕްރޮޖެކްޓުތައް ހިންގައިދީފައިވާ "ޑިވެލޮޕްމަންޓް ޕާޓްނަރު" ކަމަށެވެ. އެގޮތުން މާލެވަށައި ބިނާކޮށްފައިވާ ތޮށިގަނޑާއި، ރާއްޖޭގައި ހިންގަމުންދާ އެތަކެއް ސްކޫލްތަކުގެ އިތުރުން ކުރީގެ ޓީވީ މޯލްޑިވްސްގެ އިމާރާތަކީ ޖަޕާނު ސަރުކާރުގެ އެހީ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖަޕާނު މީހުންނަކީ އެހެން މީހުންނަށް އަޅާލައި އެކުވެރި ބައެއް ކަމަށާއި އެކަން ހުރިހާ ދިވެހިން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި ވިދާޅުވީ ޖަޕާނުގެ ރައްޔިތުންނަށް އެހީވާން ކޮންމެ ކަމެއް ކުރަން ވެސް ދިވެހިން ތައްޔާރަށް އޮތް ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ތައްޔާރަށް ކޮންމެ ކަމެއްވެސް ކުރަން ޖަޕާނު ރައްޔިތުންނަށް އެހީވުމަށް،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިންދޭ އެހީތަކަށް ޝުކުރު އަދާކުރައްވަމުން ޖަޕާނުގެ ސަފީރު ރޭ ވިދާޅުވީ، އެކަމުން ޖަޕާނާއެކު ދިވެހިން ބަހައްޓާ ގާތްގުޅުން ވަރަށް ބޮޑަށް އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އެރި ސުނާމީގެ ގެއްލުންތަކުން އަރައިގަތުމަށް ދިވެހިން މަސައްކަތްކުރި ގޮތަށް މަސައްކަތްކުރުމުގެ ހިތްވަރު، ޖަޕާނު ރައްޔިތުންނަށް ވެސް ލިބިގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަންތަކުންނާއި ބައެއް ރޭޑިއޯ ސްޓޭޝަންތައް ގުޅިގެން މެދުނުކެނޑި 38 ގަޑިއިރަށް ލައިވްކޮށް ކުރިއަށް ގެންދިޔަ ޖަޕާނާއެކު ދިވެހިން ޓެލެތޯނުގެ ސްޓިއަރިން ކޮމިޓީގެ އިސްވެރިޔާ އިބްރާހިމް ޝަފީގު ރޭ ވިދާޅުވީ، އެ ޕްރޮގްރާމަށް 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 120،000 ށް ވުރެ ގިނަ މަސްދަޅު ލިބިފައިވާ ކަމަށެވެ. އަދި އެ އެހީ މި ހަފްތާތެރޭ ވައިގެ މަގުން ޖަޕާނަށް ފޮނުވުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.
ޖަޕާނުގެ ޓެލެތޯން އިންތިޒާމްކުރި މާލެ ސިޓީ ކައުންސިލުން ބުނަނީ، އަދިވެސް އެކި ފަރާތްތަކުން ފައިސާގެ އެހީވަމުންދާ ކަމަށާއި ދިވެހި ރެޑް ކްރެސެންޓް ޖަމިއްޔާއަށް އެހީ ދިނުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.
ޖަޕާނު ޓެލެތޯނަށް އެހީވި ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ފަންނާނުންވެސް ރޭގެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ. ޖަޕާނު ޓެލެތޯން ޝޯވއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ފަންޑްރެއިސިން ޕްރޮގްރާމެވެ. މީގެ ކުރިން ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގުޅިގެން ޕާކިސްތާނުގައި ފެންބޮޑުވެ، ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްވެސް ޓެލެތޯނެއް ކުރިއަށްގެންގޮސްފައި ވެއެވެ. ހެލްޕް ޕާކިސްތާނުގެ ނަމުގައި 24 ގަޑިއިރަށް ކުރިއަށްގެންދިޔަ އެ ޓެލެތޯނަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީ ލިބިފައި ވެއެވެ.