ނުކުޅެދުންތެރިކަން ހުންނަކުދިންނަށް ބޭނުންވާ 100،000 ރުފިޔާގެ ތަކެތި ދިރާގުން އެ ކުދިންނަށް ހަދިޔާކޮށްފި އެވެ.

ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުރެވިގެން ހިންގާ އައްނޫރު ސެންޓަރުގައި ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ދިރާގުގެ ފަރާތުން ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

ދިރާގުގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ސެރެބްރަލް ޕަލްސީ ގޮނޑިއަކާއި ވޯކިން އެއިޑްއެއްގެ އިތުރުން ކޮމްޕިއުޓާ ސިސްޓަމްއަކާއި ތެރަޕީ ބޯލްސްއަކާއި ފްލޯ މެޓް އަދި ވާހަކަ ފޮތާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕެޝަލް ނީޑްސް ކީބޯޑު ފަދަ ތަކެތި ހިމެނެ އެވެ.

ދިރާގުން ބުނީ ދިރާގުގެ ފަރާތުން ހަދިޔާކުރެވުނު ތަކެއްޗަކީ އެ ސެންޓަރު ހިންގުމަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަސީލަތްތަކެއް ކަމަށެވެ. އެ ތަކެއްޗަކީ އެކުދިންނަށް ކިޔަވައިދިނުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެއް ކަމަށް ދިރާގުން ބުންޏެވެ.

އައްނޫރު ސެންޓަރުގައި ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ 30 ވަރަކަށް ކުދިންނަށް ހިދުމަތް ދެމުންދެ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ސެންޓަރުގައި މިހާރު ހަރަކާތްތެރިވަމުންދަނީ އަށް ޓީޗަރުންގެ އިތުރަށް ކޯޑިނޭޓަރެކެވެ. ޝަރަފުއްދީން ސްކޫލުގައި ހިންގަމުން އަންނަ އައްނޫރު ސްޕެޝަލް ނީޑްސް ކްލާހަކީ 2007 ވަނަ އަހަރުން ފެށިގެން އެފަދަ ކުދިންނަށް ތައުލީމު ހޯދައިދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ކްލާހެކެވެ.