ރެއާލް މެޑްރިޑް އަނބުރައި އަސްލު ފޯމަށް ގެނެވޭނެ ކަމަށް އެޓީމްގެ ކޯޗް ރަފޭލް ބެނިޓޭޒް ބުނެފި އެވެ.

ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި މިރޭ ޔޫކްރޭންގެ ޝަހްތަރު ޑޮނެސްކާ ދެކޮޅަށް ރެއާލް ކުޅޭ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެނިޓޭޒް ބުނީ އަސްލު ފޯމަށް ގެނައުމުގެ ހިތްވަރު ރެއާލްގެ ކިބައި އެބަ ހުރި ކަމަށާއި އެ ޓީމަކީ ވަރަގަދަ ސްކޮޑެއް އޮތް ނަތީޖާ ނެރޭވޭނެ ޓީމެއް ކަމަށެވެ.

އަދި ދެ މެޗުން ބަލިވުމަކުން ރެއާލްގެ ކުރިއެރުމަށް ހުރަސް ނޭޅޭނެ ކަމަށް ވެސް ބެނިޓޭޒް ބުންޏެވެ.

ބެނިޓޭޒް ބުނީ ރެއާލްގެ ފޯވަޑް ކްރިސްތިއަނޯ ރޮނާލްޑޯއާ ވެސް އަދި އެ ޓީމުގެ އެހެން ކުޅުންތެރިޔަކާ މެދުވެސް އޭނާއާ މައްސަލަ ނުޖެހޭ ކަމަށެވެ.

ރެއާލްގެ ކުޅުންތެރިނާ އޭނާ މައްސަލަ ޖެހިފައިވީ ނަމަ ބަލި ނުވެ 14 މެޗް ފުރިހަމަ ނުކުރެވުނީސް ކަމަށާއި އަދި ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށްވެސް ނުދެވުނީސް ކަމަށް ބެނިޓޭޒް ބުންޏެވެ.

ރޮނާލްޑޯއާ ބެނިޓޭޒްއާ ގުޅުން ގޯސްވެފައިވާ ކަމަށް ދެކެވޭ ވާހަކައާ ގޫޅޭ ގޮތުން ވާހަކަ ދައްކަމުން ބެނިޓޭޒް ބުނީ ރޮނާލްޑޯއަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި އޭނާ އަކީ ރެއާލް މެޑްރިޑްގެ އެންމެ ހަރުދަނާ އެއް ކުޅުންތެރިޔާ ކަމަށެވެ.

އެންމެ ފަހުން ސެވިއްޔާއާ ބާސެލޯނާ އަތުން ބަލިވުމުން ކުރިމަތިވި ފާޑު ކިޔުންތަކުގެ ސަބަބުން އެއްވެސް ވަރަކަށް އަސަރު ކުރިތޯ ސުވާލު ކުރުމުން ބެނިޓޭޒް ބުނީ އޭނާއަކީ ބަލިވާ ވަގުގައި ވެސް ސްމާޓްކޮށް ހުންނަ މީހެއް ކަމަށާއި ނަމަވެސް ރެއާލްގެ ސަޕޯޓަރުން ފަދައިން އޭނާ ވެސް ދެރަވި ކަމަށެވެ.

"އަހަންނަކަށް މީހުން ކިޔަ އެއްޗިއްސެއް ނުހުޓުވޭނެ. އަހަރެން ސަމާލުކަން ދެނީ އަހަރެންގެ ވަޒީފާއަށް،" ބެނިޓޭޒް ބުންޏެވެ.

ފުރަތަމަ އެގާރައަށް ގެންނާނީ ކޮން ބަދަލުތަކެއްތޯ ސުވަލު ކުރުމުން ބެނިޓޭޒް ބުނީ އޭނާއަކީ މީހުން ކިޔާހަ ނުވަތަ ލިޔާހާ އެއްޗިސަށް ބަލައިގެން ފުރަތަމަ އެގާރަ ނަގާ މީހެއް ނޫން ކަމަށާއި ފުރަތަމަ 11 ނަގަނީ އެންމެ ރަނގަޅަށް ނަތިޖާ ނެރޭވޭނެ ފޯމިއުލާއެއް ބަލައިގެން ކަމަށެވެ.