25 Nov 2015, 15:00
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުން މިއަދު ބާއްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އިޖުރާއީ އަޑުއެހުމެއް ބާއްވާފައި ވަނީ ދައުލަތުގެ ފަރާތުން އެކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
މިއަދުގެ އަޑުއެހުން ކުރިއަށްގެންދިޔައީ ހަމައެކަނި ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުކޮށްގެނެވެ. ރައީސް ނަޝީދު ވެސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވެސް ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ ރައީސް ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ޕްރޮސިކިއުޓާ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވާތީ އެވެ.
މިއަދުގެ އަޑުއެހުމަށް ނޫސްވެރިން ވައްދާފައެއް ނުވެއެވެ. އަދި އެ އަޑުއެހުމުމުގައި ހިނގި ކަންތައްތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ވެސް އަދި ޕީޖީ އޮފީހުން ވެސް ވަކިއެއްޗެއް ބުނެފައިނުވާތީ، އަޑުއެހުމުގައި ހިނގި ކަންތައްތަކުގެ މައުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ.