އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވަން ރާއްޖޭން ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

އަންހެނުންނަށް އަނިޔާކުރުމާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ދުންޔާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަންހެނުންނަށް އަނިޔާކުރުމާ ދެކޮޅަށް ބައިނަލް އަގުވާމީ މުޖުތަމައުން ކުރާ މަސައްކަތަށް ތައުރީފުކުރައްވާ ކަމަށެވެ.

"...އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވުމަށް ރާއްޖޭން ވަނީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތް، ޖިންސީ ގޯނާއާއި ފުރައްސާރަކުރުން ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ހަމަ ހަމަ ކަމުގެ ބިލުގެ ސަބަބުން، ވަނީ ވަރުގަދަ ވެފައެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ދުންޔާ ވިދާޅުވެފައި ވަނީ އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވުމަށް ރާއްޖޭގެ މަދަނީ ޖަމާއަތްތަކުން ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވުމަށް ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ރާއްޖެ އޮތީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށް ވެސް ދުންޔާ ވިދާޅުވެފައިވެ އެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހެވެ. އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް " އޮރެންޖް ދަ ވޯލްޑް. އިންޑް ވަޔަލެންސް އެގެއިންސްޓް ވުމެން އެންޑް ގަރލްސް"ގެ ނަމުގައި ޔޫއެއިން އިން އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ.