25 Nov 2015, 14:52
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ މިއަދު އުފުލައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނު ފިސްތޯލަ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށެވެ.
ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އަދީބު ދިރިއުޅުއްވި އެޕާޓްމަންޓުގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބައެއް މީހުން ތަހުގީގަށް ބަޔާންދީފައިވާ ކަމަށެވެ.
އެމީހުން ކުރިން ފުލުހުންނަށް މައްސަލަ ރިޕޯޓު ނުކުރީ އޭރުގެ ހާލަތު އޮތްގޮތުން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 1990 ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ (ރ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އަދީބަށް އަންނާނެ އެވެ.