06 Apr 2011, 12:12
ވެރިކަންކުރާރަށް ކަނޑައެޅުމުގެ ބިލު، ތަސްދީގުކުރުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކޮށް މަޖިލީހުން ފާސްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވައި ލެއްވުމުން އެބިލަށް ބަހުސް ކުރެއްވުމަށްފަހު ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައިވަނީ، ބިލު ފާސްކުރަން ބޭނުންވާ 39 ވޯޓުންނެވެ. އެ ވަގުތު ޖަލްސާގައި ތިއްބެވީ 71 މެންބަރުންނެވެ.
މަޖިލީހުން މި ބިލު ފާސްކޮށްފައި މިވަނީ، ށ. އަތޮޅު ފުނަދޫ އާއި ކ. އަތޮޅު ތުލުސްދޫއަކީ އެ ދާއިރާތަކުގެ ވެރިކަން ކުރާރަށުގެ ގޮތުގައި ކަނޑައެޅުމަށް އިތުރު ބާރު ލިބޭ ގޮތަކަށެވެ. އެ ދެރަށުގައި ކުރަމުންދިޔަ ވެރިކަން އެދެ އަތޮޅުގެ އެހެން ރަށަކަށް ބަދަލު ކުރުމަށް ފުލުހުން ފޮނުވައިގެން މީގެކުރިން ސަރުކާރުން ވަނީ އެތައް މަސައްކަތްތަކެއްކޮށްފަ އެވެ.
އިދާރީ ދާއިރާތަކުގެ ވެރިކަން ކުރާ ރަށް ކަނޑައެޅުމުގެ ބިލުގައި ބުނަނީ، ގާނޫނު އަސާސީ ތަސްދީގު ކުރިއިރު އަތޮޅުތަކުގައި ވެރިކަންކުރަމުންއައި ރަށްރަށަކީ އެ ދާއިރާއެއްގެ ވެރިރަށުގެ ގޮތުގައެވެ. އަދި ވެރިކަން ކުރާ ރަށް ބަދަލު ކުރުމުގެ ބާރު މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް މި ބިލުގެ ސަބަބުން އެ ދާއިރާއެއްގެ ވެރިކަން ކުރާ ރަށް ބަދަލު ކުރުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ވަނީ ލިބިދީފަ އެވެ. މި ބިލުގައި ބުނާގޮތުން އަތޮޅުކައުންސިލުން ފާސްކޮށްގެން ދާއިރާގެ ރައްޔިތުންގެ ވޯޓަކަށްގޮސް ކޮންމެ ދާއިރާއަކަށް ވެސް އެދާއިރާގެ ވެރިކަން ދާއިރާގެ އެހެން ރަށަކަށް ބަދަލު ކުރެވިދާނެ އެވެ.
----
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގައި އިދިކޮޅު މެންބަރުން ވިދާޅުވީ، މިހާރު އޮތް ޑިމޮކްރެޓިކް ނިޒާމާ އެއްގޮތަށް ރައްޔިތުންނަށް ބާރު ދިނުމަށް އެ ބިލު ތަސްދީގުކުރުން ރައީސަށް ލާޒިމްކޮށް މަޖިލީހުން ބިލު ފާސްކުރަންޖެހޭ ކަމަށެވެ.
ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، އެ ދާއިރާއެއްގެ އަތޮޅު ކައުންސިލުން ރަށު ކައުންސިލްތަކާއި ޖަމްއިއްޔާތަކާ މަޝްވަރާ ކުރުމަށްފަހު އަތޮޅު ކައުންސިލްގެ ވޯޓަކުން ނިންމައި، އެ ދާއިރާއެއްގެ ރައްޔިތުންގެ ވޯޓަކަށް ހުށަހަޅައިގެން އެ ދާއިރާއެއްގެ ވެރިކަންކުރާ ރަށް ބަދަލު ކުރުމުގެ ބާރު މި ބިލުން ރައްޔިތުންނަށް ލިބިދޭ ކަމަށެވެ.
އަދި މިފަދަ ބިލެއް ހަދަންޖެހުނީ ރައްޔިތުންގެ މަޝްވަރާއެއްނެތި ވަކި ބައެއްގެ ފައިދާއަށް، ގާނޫނު ތަކާއި ގަވާއިދުތަކުގެ ބޭރުން ވެރިކަން ކުރާރަށްރަށް ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ ފޮނުވާލުމަކީ ވަރަށް ހިތާމަ ކުރާކަމެއް. މިއީ ޑިމޮކްރަސީއަށް، ޗޭންޖަށް ފުރުސަތުދޭ ބިލެއް. މި ބިލުގައި އެ ދާއިރާއެއްގެ ވެރިކަން ކުރާ ރަށް ބަދަލު ކުރުމުގެ ފުރުސަތު އެ އަތޮޅެއްގެ ރައްޔިތުންގެ ވޯޓަކުން ނިންމާ ނިންމުމަކުން ބަދަލު ފުރުސަތު ދީފަ މިއޮންނަނީ ރައްޔިތުންނަށް. މިހެން ބަދަލުކުރަން ޖެހުނީ ރައީސުލް ޖުމްހޫރިއްޔާއަށް ހެނދުނު ތެދުވެވޭގޮތަކުން ހިތަށް އަރާވަޑައިގަންނަވައިގެން ވެރިކަން ކުރާ ރަށް ބަދަލުކޮށްފާނެ އެހެންކަމުން އެތައް ބަޔަކަށް އެކަމުގެ ގެއްލުން ލިބޭނެ. މި ބިލަކީ ގައުމުގެ ކުރިމަގަށް، ޑީމޮކްރަސީއަށް ރއްޔިތުންގެ ނިންމުންތަކަށް މުހިއްމު ބިލެއް. އެހެންކަމުން ބިލު އޮތް ގޮތަށް ފާސްކުރަން އަޅުގަނޑު ހުށަހަޅަން." ޑރ. މައުސޫމު ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، މި ބިލުގައި އޮތީ ވަރަށް ޑިމޮކްރެޓިކް ގޮތެއް ކަމަށެވެ. އަދި ބިލުގައި އޮތްގޮތް ނޫން ގޮތައް ފާސް ވެއްޖެނަމަ މިހާރު ވެރިކަން ކުރާ ރަށްރަށުގައި ސިލް ޖެހި އެހެން ރަށަކަށް ވެރިކަން ބަދަލު ކުރުމުގެ ފުރުސަތު މުޅިން ގެއްލިގެންދާނެ ކަމަށެވެ.
އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، މިފަދަ ގާނޫނެއް ހަދަންޖެހުނީ، ވަކި ބަޔަކު ހިތްހަމަޖައްސަން، އަދި ވަކި ބަޔަކަށް އުނދަގޫ ކުރުމަށް ދެރަށެއްގެ ވެރިކަން ސަރުކާރުން ބަދަލު ކުރުމުން ކަމަށެވެ.
"... އެންމެ ރަނގަޅު ގޮތަކީ މިބިލު ރައީސް އަވަހަށް ތަސްދީގު ކުރުން،" އަފްރާޝީމް ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ ހަމްދޫން ހަމީދާއި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވެސް ވިދާޅުވީ، މިފަދަ ބިލުތައް ހުށަހަޅަން ޖެހެނީ ރައީސް ނަޝީދު ހުދުމުހުތާރު ގޮތެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތައް ކުރައްވާތީ ކަމަށެވެ. އަދި އެ ބިލަކީ ޑިމޮކްރަސީގެ އުސޫލުން ރައްޔިތުންނަށް ބާރު ދިނުމަށް މުހިއްމު ބިލެއް ކަމަށާއި އެބިލު ތަސްދީގުކުރުން ރައީސަށް ލާޒިމުކޮށް 39 ވޯޓުން ފާސްކުރުމަށް އެ މެންބަރުން ހުށަހެޅުއްވެވި އެވެ.
ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، އެ ބިލަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބާރުތައް ހަނި ކުރުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށެވެ.