އައްޑޫ ސިޓީގެ ރަށްތަކަށް ރޭ ކުރި އަދި ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ލިބިފައިވާ ގެއްލުންތައް ބައްލަވާ ލެއްވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

އެމްއެންޑީއެފް އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ޓަކައި އައްޑޫގައި މިވަގުތު ހުންނެވި ޑިފެންސް މިނިސްޓަރު މިއަދު ހެނދެނު ވަނީ ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި އޭރިއާގެ ފަޔަ އެންޑް ރެސްކިއު ސާވިސްގެ ސިފައިންގެ އިތުރުން އޮގްޒިލަރީ ފަޔާމަނުން ކުރަމުންދާ މަސައްކަތް ހިނގަމުންދާ ގޮތްވެސް ބައްލަވާލަން އެ ސަރަހައްދުތަކަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ.

އެމްއެންޑީއެފް އިން އައްޑޫގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: އެމްއެންޑީއެފް

އައްޑޫގެ ބައެއް ރަށްތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި މިހާރު ވެސް ދަނީ ކުރަމުންނެވެ.

އެމްއެމްޑީއެފުން ބުނީ ފޭދޫ 17 ގެއެއްގައި ފެން ނުވަންނާނެހެން ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި މަރަދޫ ފޭދޫ އާއި ފޭދޫގެ ތިން ސަރަހައްދެއްގައި ޕަންޕުޖަހައިގެން ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ އިއްޔެ ހަވީރު ވެހުނު ވާރޭގައި ގަޑިއެއްހާ އިރު ތެރޭގައި 54.9 މިލިމީޓަރުގެ ވާރޭ އައްޑު އަށް ވެހިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން މިހާތަނަށް ކުރި ވިއްސާރައިގައި އައްޑު އަށް 162 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.