ސ. ހުޅުދޫ ލިލީލާގޭ އަބްދުﷲ ފަރުހާދު މަރާލުމުގެ ކުށުގައި ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ކަޓަރުތިލައަކުން ހަމަލާދީ ފަރުހާދު މަރާލާފައި ވަނީ 2009 ވަނަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެރޭ ފަރުހަދު މަޖީދީމަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ނަބީލް އިތުރު ބަޔަކާ އެކު އެތަނަށް ގޮސް އޭނާ ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށްފަހު އޭނާއާ މެދު މާރާމާރީ ހިންގި ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ވަނީ ޔޫއެން ޕާކަށް ވެއްދުމަށްފަހު ނަބީލުގެ އަންހެން ކޮއްކޮ އާމިނަތު ނިއުމާއާ ފަރުހަދު ބެހުނުތޯ ސުވާލުކުރުމުން އޭނާ ނުބެހޭ ކަމަށް ބުނުމުން އަތުންނާއި ފައިން ތަޅައި އެ އެންމެން ފަރުހާދާ މެދު މާރާމާރީ ހިންގި ކަމަށެވެ. އެވަގުތު އެމީހުންގެ ކިބައިން ސަލާމަތްވާންވެގެން ފަރުހާދު ދުވެފައި ދަނިކޮށް ނަބީލު އެއްލާލި ކަޓަރުތިލައެއް ފަރުހާދުގެ ބުރަކައްޓަށް ހެރިފައިވާ ކަމަށާއި އޭނާ މަރުވީ އެ އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ފަރުހާދު ގަޔަށް ކަޓަރު ހެރިކަމަށް ބުނެ ނަބީލު ވަނީ ފުލުހުންގެ ތަހުގީގަށް ބަޔާންދީފަ އެވެ. އަދި އޭނާގެ އަންހެން ކޮއްކޮ ނިއުމާ ވެސް ވަނީ ކަޓަރު ހެރި މަންޒަރު ފެނުންކަމަށް ބުނެ ތަހުގީގުގައި ބަޔާން ދީފަ އެވެ. ނަމަވެސް ފަހުން ޝަރީއަތުގެ މަޖިލީހުގައި ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ޖިނާއީ ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެމައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ދައުލަތުން ޖިނާއީ ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާކަން އެނގެން އޮއްނަ ކަމަށެވެ.

އެގޮތުން ނަބީލު ފުލުހުންގެ ތަހުގީގަށް ދިން ބަޔާނާއި އޭނާގެ އަންހެން ކޮއްކޮ ނިއުމާ ތަހުގީގަށް ދީފައިވާ ބަޔާނުގައި ކަން ހިގައި ދިޔަގޮތް ކިޔާދީފައިވާ ގޮތާއި ޖިނާއީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން މީހުންގެ ހެކިބަހާ އެއްވެސް ފުށުއެރުމެއް ނެތް ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ނަބީލު ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ސޮއިކުރީ ބިރުން ހުރިވަރުން ބަޔާން ނުކިޔައި ކަމަށެވެ. ނަމަވެސް ނަބީލު ބަޔާނުގައި ސޮއިކުރުމުގެ ކުރިން ބަޔާން ވަރަށް ގިނައިރުވަންދެން ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ކަމަަށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ނަބީލުގެ ކޮއްކޮ ފުލުހުންނަށް ދިން ބަޔާނަށް ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށް ބަޔާނުގައި ސޮއިކުރީ ނުކިޔާ ކަމަށާއި ނަބީލުގެ ބައްޕަވެސް ބަޔާން ކިޔާފައި ނުވާކަމަށް ބުނި ނަމަވެސް އެދެމީހުންވެސް ބަޔާންކިޔާތަން ވީޑިއޯއިން ފެންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އަދި ނިއުމާ އާނާގެ ބޭބެ ނަބީލާ ގުޅޭގޮތުން ފުލުހުންނަށް ބަޔާން ދިންއިރު ދޮގުވާހަކަ ދައްކަންވީ އެއްވެސް ސަބަބެއް އޮތްކަން ޖިނާއީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކިފައިނުވާކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.

ގަސްތުގައި މީހަކު މެރުމުގައި ފުރިހަމަވާންޖެހޭ ތިން ރުކުންވެސް ފަރުހާދުގެ މަރުގެ މައްސަލާގައި ފުރިހަމަވާކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ހަމީދު ވިދާޅުވިއެވެ.

ޖިނާއީ ކޯޓުން އިއްވި މަރުގެ އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ހުކުމް އިއްވީ އެ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަބްދުﷲ ހަމީދުގެ އިތުރުން އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުއްރައުފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ސުޖާއު އުސްމާނު އެވެ.

ނަބީލަށް ކުރީގެ ޖިނާއީ ކޯޓުން މަރުގެ ހުކުމް އިއްވީ 2010 ވަނަ އަހަރު އެވެ.

ފަރުހާދުގެ މަރާ ގުޅިގެން މ. ބްލޫލޭކް ލޮޖް އަލީ ރަޒީން އާއި މ. ރޭ އަލިވާގޭ އިބްރާހިމް ނައުފަލްގެ މައްޗަށް ވެސް ދައުވާކުރި އެވެ. ނަމަވެސް އެމީހުން އޭނާ މަރާލުމުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށް ކަނޑައަޅައި އަމަން ނަގާލުމުގެ ކުށުގައި އެ ދެ މީހުން ހަތަރު އަހަރަށް ޖަލަށްލުމަށް ކުރީގެ ޖިނާއީ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.