ސަރުކާރުން ހިންގާ އެކި އެކި މަޝްރޫއުތަކަށް ބޭރު ގައުމުތަކުންނާ ޖަމިއްޔާ ޖަމާއަތްތަކުންދޭ އެހީތައް ނުވަތަ ލޯނު އެހީތައް ވަކި އެކައުންޓުތަކެއްގައި ބަހައްޓާ ގޮތަށް މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ އެ ބިލު ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ހުށަހެޅުއްވި އެ އިސްލާހު ބަލައިގަންނަން ފާސްވީ 47 މެމްބަރުންގެ ވޯޓުން ނެވެ.

ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީގައި ތިއްބާ މެމްބަރުންގެ ނަންތައް މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު އެވެ. އެ ނަންފުޅުތަކަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު އެވެ.

ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީ:

  • ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު
  • ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
  • ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
  • ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު
  • ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
  • މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް

އިސްލާހުގައި ބުނެފައި ވަނީ މާލިއްޔަތު ގާނޫނުގެ 11 ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަން ވާނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓެއްގައި ކަމަށް ބުނެފައިވާ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އެ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ހާލަތްތަކުގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ދައުލަތުގެ ފައިސާ ބެހެއްޓުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ވެސް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން ދައުލަތުގެ ފައިސާ ބެހެއްޓުމަށްޓަކައި އެކައުންޓެއް ހުޅުވަންޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަޝްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭނެ ކަމަށެވެ.

ޖަމީލު އުސްމާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކުން އެ ފައިސާ ދޭ ފަރާތެއް އެދެންޖެހޭނެ ކަމަށެވެ.

ބިލު ހުށަހަޅުއްވަމުން ޖަމީލު އުސްމާނު ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުންދޭ އެހީތަކާއި ލޯނު އެހީތައް ޕަބްލިކު އެކައުންޓެއްގައި ހުރުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.