25 Nov 2015, 18:38
ޗެމްޕިއަންސް ލީގުގައި ރޭ އިސްރޭލްގެ މެކަބީ ތެލް އަވީވްގެ މައްޗަށް 0-4 ގެ ނަތީޖާއިން ކުރި ހޯދައިގެން އެ ޓީމްގެ ފަރާތުން މީގެ ކުރިން ފެނިފައިވާ މޮޅު ކުޅުނެ ކުރިއަށް އޮތްތާންގައި ވެސް ފެނިގެން ދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ޓީ ސްޕޯޓްއާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު މޮރީނިއޯ ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ކަމަށާއި ޓީމުގެ ކުޅުމަށް މިހާރު އިތުބާރު ލިބެއްޖެ ކަމަށާއި ކުރިއަށް ހުރި މެޗުތައް ވެސް ކާމިޔާބުވާނެ ކަމަށެވެ.
"މި ލިބުނީ ވަރަށް މުހިންމު މޮޅެއް. އެންމެ ފަހުން ޗެމްޕިއަންސް ލީގްގައި ޑައިނަމޯ ކިއޭވް އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލަން މޮޅުވުން ވަރަށް މުހިންމު މެޗެއް މީ. އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި މި ވަނީ އެހެންކަމުން ޓީމަށް ވެސް މިހާރު އިތުބާރު ލިބެއްޖެ މެޗްތައް ކާމިޔާބް ވާނޭކަމުގެ،" ބީޓީ ސްޕޯޓްއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ޗެލްސީއާ މެކަބީ ތެލް އަވީވް ކުޅުނު މެޗްގައި ޗެލްސީއަށް ލިބުނު ހިލޭ ޖެހުން ވިލިއަމް ކުރިއަށް ފޮނުވާލަނީ --- ފޮޓޯ:އޭޕީ
އެ މޮޅާއެކު ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ. ޗެލްސީ މިވަގުތު އޮތީ ގްރޫޕް ޖީގެ އެއް ވަނައިގައި 10 ޕޮއިންޓާއެކު އެވެ.
ދެ ވަނައިގައި އޮތް ޕޯޓޯއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިން ވަނާގައި އަށް ޕޮއިންޓާއެކީ އޮތީ، ކިއޭވްއެވެ.
ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތް ތެލްއަވީވް ވަނީ މުބާރާތުން ކަޓައިފައެވެ.
ގުރޫޕްގައި ކުޅެންޖެހޭ ފަހު މެޗުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޕޯޓޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނައިރު، އެ މެޗުން ޕޮއިންޓެއް ލިބުނަސް ޗެލްސީ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ.
ތެލްއަވީވްގެ ދަނޑުގައި ކުޅުނު އެ މެޗުގައި، ޗެލްސީގެ ފުރަތަމަ ގޯލް މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގެރީ ކޭހިލް އެވެ. މި ގޯލަށްފަހު ވެސް، ޗެލްސީއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ޗެލްސީއާ މެކަބީ ތެލް އަވީވް ކުޅުނު މެޗްގައި ޗެލްސީގެ ކޯސްޓާ ބޮލުން ޖަހަނީ --- ފޮޓޯ:އޭޕީ
ދެވަނަ ހާފްގައި ތެލްއަވީވުން ކުޅުން ރަނގަޅުކޮށް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓްގައި، ޗެލްސީއަށް ލިބުނު ހިލޭޖެހުމަކުން ވިލިއަން ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.
އޭގެ ހަތަރު މިނެޓްފަހުން އޮސްކާ ޗެލްސީގެ ލީޑު ފުޅާކޮށްދިންއިރު، އެޓީމުގެ ފަހު ގޯލް މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ، ކާޓް ޒޫމާއެވެ.
އެ މެޗްގެ ދެވަނަ ހާފްގެ ވަކި ހިސާބަކުން ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ވަނީ އަނީޔެގެން ދަނޑުން ބާލާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އުމުރުން 34 އަހަރުގެ ޓެރީ އަށް ކުޅެވުމުގެ ފުރުސަތެއް އޮތްކަން އެނގޭނީ ސްކޭނެއް ހެދުމަށް ފަހު ކަމަށް މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ ބުނެފައެވެ.
މި ގްރޫޕްގައި ރޭ ޕޯޓޯގެ މައްޗަށް 0-2 ގެ ނަތީޖާއިން ކިއެވްއިން ވަނީ ކުރި ހޯދައިފައެވެ.