25 Nov 2015, 13:09
ރާއްޖޭން ބޭރުން އަންނަ ގިނަ އަދަދެއްގެ ޔޮޓް ބަނދަރުކުރާ ރަށެއް ކަމަށްވާ ހއ. އުލިގަމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލު ކުރީ ޕްރޮޕް ޕްރައިވެޓް ލިމިޓެޑާ އެވެ. މަސައްކަތުގެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދެވެ.
އުލިގަމުގައި ކަސްޓަމްސްގެ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 3.2 މިލިޔަން ރުފިޔާގެ އަގަކަށެވެ.
އުލިގަމުގައި އޮފީހެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ. ސަން ފޮޓޯ: ޢަލީ ނަސީރު
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުނައިދު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުން މިހާތަނަށް އުލިގަމުގައި މަސައްކަތް ކުރަމުން އައީ ވަރަށް ދަތިކޮށް ކަމަށެވެ.
ރާއްޖޭގައި އުތުރުން ދަތުރުކުރާ އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ޔޮޓް ފަހަރު އުލިގަމުގައި ކޮންމެ އަހަރަކު ވެސް ބަނދަރުކުރެ އެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިސްމާޢީލް ޢަބުދުﷲ ވިދާޅުވީ އަހަރަކު 120 އާއި 200 އާ ދެމެދުގެ އަދަދެއްގެ ޔޮޓް އުލިގަމުގައި ބަނދަރުކުރާ ކަމަށެވެ.
"... ބައެއް އަހަރުތަކުގައި 120، 200 އެހެން ގޮސް ހަމަ ފުދޭ ވަރަކަށް ބޮޑު އަދަދެއް، މިއަހަރުގެ މެދެއްހާ ހިސާބަށް ދިޔަ އިރު ވެސް ފުދޭ ވަރަކަށް ބޮޑު އަދަދެއް ވަދެފައި އިނީ،" ޢަބުދުﷲ ވިދާޅުވި އެވެ.