06 Apr 2011, 11:47
ތުއްތު ދަރިފުޅުގެ މަރުގެ މައްސަލައާ ގުޅިގެން ސ. ހިތަދޫ ސިލްވަލީފް ނޫރުޒާދާ އަލީގެ މައްޗަށް ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާގައި އޭނާ ކުށްވެރިވާ ކަމަށް ސާބިތުވެ ހަ މަހަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުﷲ ދީދީ އިއްވެވި ހުކުމްގައި ބުނެފައިވަނީ 10 މަހުގެ ކުޑަ ދަރިފުޅު މުހައްމަދު ނާފިއު އިބްރާހިމަށް އަޅާ ނުލައި ސާފުތާހިރު ނޮކޮށް އަދި ވެކްސިން ދީފައި ނުވާއިރު، އެ ކުއްޖާ މަރުވިއިރު ފުރަގަސް ފަރާތަށް ގެއްލުން ލިބިފައި ހުރުމާއި ކަރު ދަށުގައި ނިޔަފަތި އަޅާފައި ހުރިކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށެވެ. އަދި ބުނެފައި ވަނީ ނާފިއުއަށް އެ ގެއްލުންތައް ލިބުނު ސަބަބު އޭނާގެ މަންމަ، ނޫރުޒާދާއަށް ޝަރީއަތުގައި ކިޔަދެވިފައި ނުވުމުން، ދަރިފުޅާމެދު ނޫރުޒާދާ އިހުމާލެއްވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ދައުލަތުން ނޫރުޒާދާގެ މައްޗަށް ކުރި އަމުރަން ނުކިޔަމަންތެރިވުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން ހުކުމް ކުރެއްވެވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނާއި ގާނުނުލް އުގޫބާތާގެ ދަށުން ނެވެ. އެގޮތުން ހަ މަސްދުވަހަށް ލަޖަށް ލުމަށް ހުކުމްކުރީ ކަމަށް ޝަރީއަތުގައި ގާޒީ ވިދާޅުވި އެވެ.
ނޫރުޒާދާގެ މައްޗަށް ހުކުމް ކުރިއިރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މ. ގޯލްވިޗް މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ގަސްތުގައި ކުޑަކުއްޖަކު މަރާލި ކަމުގެ ދައުވާ އެވެ.
ޝަރީއަތުން ކުރިން ނިންމާފައިވަނީ ވަހީދުގެ މައްސަލަ ވެސް މިއަދު ނިންމައި ހުކުމް އިއްވުމަށެވެ. ނަމަވެސް ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ޝަރީއަތުން ސާފު ކުރަންޖެހޭ އިތުރު ކަންތަކެއް ހުރުމުން މައްސަލަ ނިންމުން ފަސްކުރެއްވީ ކަމަށެވެ.
ޖޫން 11، 2009 ގައި ނާފިއު މާރާލި ކަމަށް ދައުލަތުން ކުރާ ދައުވާއަށް އިންކާރުކޮށް މިއަދު ޝަރީއަތުގައި ވަހީދު ބުނީ ނާފިއުގެ މައްމަ "ނޫރާ" (ނޫރުޒާދާ) އަކީ ކާކުކަން އޭނާ މާބޮޑަކަން ނުދަންނަ ކަމަށާއި ނަމަވެސް އުޅެނީ އެއް ގެއެއްގައި ޖެހިގެހިގެން ހުރި ދެ ކޮޓަރީގައި ކަމަށެވެ. ޖޫން 11، 2009 ގައި 10 މަސް ދުވަހުގެ ނާފިއު މަރުވެފައިވާ ކަން އެނގުނީ އެ ގޭގައި އުޅޭ ހަސަން މުހައްމަދު ކިޔާ މީހަކު ނާފިއުގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ބުނުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެހެން ބުނުމުން އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ކަމަށް ވެސް ވަހީދު ވަނީ ޝަރީއަތަށް ކިޔަދީފަ އެވެ.
ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ނިންމަވާލައްވަމުން ތަހުގީގުގައި އެއްވެސް ވީޑިއޯއެއް ނުވަތަ އޯޑިއޯއެއް ބޭނުން ކޮށްފައިވާނެތޯ ގާޒީ ވަނީ ދައުލަތާ ސުވާލު ކުރައްވާފަ އެވެ. އެފަދަ ވީޑިއޯ އާއި އޯޑިއޯއެއް އޮތް ނަމަ ދެން އަންނަ ޝަރިއަތަށް ހުށަހަޅުމަށް ވެސް ގާޒީ އެންގެވި އެވެ.