25 Nov 2015, 13:00
އަންކަރާ (ނޮވެމްބަރު 25) : ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، އެ ގައުމުގައި އަލަށް އެކުލަވާލި ސަރުކާރު ގަބޫލުކުރައްވައިފި އެވެ.
ތުރުކީގެ ރިޔާސަތުން ބުނީ ބޮޑުވަޒީރު އަދި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ރައީސް އަޙްމަދު ދާއޫދު އޮގްލޯ، ރިޔާސީ ގަނޑުވަރަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވައި އައު ސަރުކާރުގެ ވަޒީރުންނާއި އިސް މަގާމްތަކަށް ހަމަޖައްސަވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ހިއްސާ ކުރެއްވުމުން އުރުދުޣާން އެ ނަންފުޅުތަކާ އެކު އައު ސަރުކާރު ގަބޫލުކުރައްވާފައިވާ ކަމުގަ އެވެ. އައު ސަރުކާރުގައި ހިމެނެނީ މުޅިން ވެސް ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ނަމަވެސް އޮގްލޯ އެކުލަވާލެއްވި ސަރުކާރަށް ގާނޫނީ ބާރުތައް ލިބިގެންދާނީ ތުރުކީގެ ޕާލަމެންޓަށް ހުށަހެޅުމުން އެސަރުކާރަށް އިތުރުބާރު އޮތް ކަމަށް ޕާލަމެންޓްގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.
އިތުބާރު އޮތްތޯ ބެލުމަށް ޓަކައި މިއަދު އޮގްލޯގެ ސަރުކާރު ތުރުކީގެ ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމަށް ޚަބަރު ލިބެ އެވެ. ތުރުކީގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮންނަނީ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ އަށެވެ. އެހެންކަމުން އިތުބާރުގެ ވޯޓުން އޮގްލޯގެ ސަރުކާރު ފާސްވާނެ ކަމަށްވަނީ ބެލެވިފަ އެވެ.
ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ތުރުކީގައި ވެރިކަން ކުރަމުންގެންދާތާވަނީ 13 އަހަރު ވެފަ އެވެ. މިމުއްދަތުގައި ތުރުކީގެ އިގްތިސާދުވަނީ އާދަޔާ ޚިލާފަށް ކުރިއަރައި ސިނާއީ އަދި އުފެއްދުންތެރިކަމުގެ އިގްތިސާދަކަށް ބަދަލުވާން ފަށާފަ އެވެ. މިމުއްދަތުގައި ތުރުކީގެ ގައުމީ އާމްދަނީ ވެސް ވަނީ ތިންގުނައަށް އިތުވެފަ އެވެ. އަދި ވަޒީފާނެތްމީހުންގެ އަދަދުވަނީ ރެކޯޑް މިންވަރަކަށް ދަށަށްގޮސްފަ އެވެ.
ތުރުކީގައި އަވަސް އިންތިޚާބެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އަވަސް އިންތިޚާބެއް ބޭއްވީ ކުރިން ބޭއްވި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުމުން ސަރުކާރެއް އެކުލަވާލެވޭގޮތްނުވެ ދިގުލައިގެން ދިޔުމުގެ އިތުރުން ސިޔާސީ ކޯޅުމާއި ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެސް ތުރުކީ ވެއްޓެން ފެށުމާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)