25 Nov 2015, 12:02
މ. ޗަންޕާހެވަން ކުރިމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ދެލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ތިން މީހުން ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ މ. ގުލްސަންޕާގެ އަހްމަދު އަރީޝް އާއި ގދ. ރަތަފަންދޫ އައްސޭރިވިލާ އާފިރު މުހައްމަދާއި ހަމައެގޭ ވާފިރު މުހައްމަދުގެ މައްޗަށެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ މާލޭ ދަފްތަރު 3355 ޚާތިމް އިބްރާހީމް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާ އިރު، 2012 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުގެ 11:45 އެހައިކަންހާއިރު ބޭންކް އޮފް މޯލްޑިވްސްގެ މަޖީދީމަގު ބްރާންޗުން 200،460 ރުފިޔާ އޭނާ ނެގިކަން އެނގެން އޮންނަ ކަމަށެވެ.
އެފައިސާ ނޫކުޅައިގެ ކޮތަޅަކަށްލުމަށް ފަހު މ. ޗަންޕާހެވަން ކައިރިއަށް ސައިކަލްގައި ގޮސް އެގެކައިރީ ހުރި ޕާކިން ޒޯންގައި ޕާކުކުރުމަށް ފަހު ސައިކަލްގެ މަޑިދަށަށް ފައިސާތައް ހުރި ކޮތަޅު ލާފައިވާކަން ވެސް އޭނާގެ ބަޔާނުން އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ.
ޚާތިމް ތަހުގީގަށްދީފައިވާ ބަޔާނުގައި ފައިސާގެ ނޫޓުތަކާ ބެހޭ ގޮތުން ހާމަކޮށްފައިވާ ތަފްސީލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތާރީޚުގައި ބޭންކް އޮފް މޯލްޑިވްސް އިން އެ އަދަދަށް އޭނާ ފައިސާ ނަގާފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ޗެކުންނާއި މަޖީދީމަގު ބްރާންޗުގެ ޗެކް ވިތްޑްރޯވަލް ސްލިޕުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފްޓޭޖަށް ބެލިއިރު، މ. ޗަންޕާހެވަން ކައިރީ ޕާކިންޒޯންގައި މީހަކު ސައިކަލް ޕާކްކުރުމުން ތިން މީހަކުވެގެން އެ ސައިކަލުގެ މަޑި ހުޅުވައިގެން އެއްޗެއް ނެގި ތަނާއި އަދި އޭތި ގެނުމަށް ފަހު އެ ތިން މީހުން ވެސް ދެ ސައިކަލެއްގައިދާ މަންޒަރު ފެންނަ ކަމަށެވެ.
އެ ހުކުމްގައި ވަނީ ހެކިބަސްދިން ތިން ފުލުހުންގެ ހެކިބަހަށް ބަލާ އިރު، އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ވާފިރު ކަމަށާއި އޭނާ ހިފެހެއްޓިއިރު އޭނާގެ ވޮލެޓުން ވެސް ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އަރީޝް ތަހުގީގަށް އެއްބާރުލުންދީ ވައްކަންކުރި އިރު އޭނާ ލައިގެން ހުރި އަންނައުނުވެސް ދައްކާފައިވާ ކަމަށާއި އާފިރު ހައްޔަރުކުރީ ވެސް އޭނާގެ އެއްބާރުލުމާ އެކު ކަމަށް ތިން ފުލުހުން ހެކިބަސްދީފައިވާ ކަމަށް އެ ހުކުމްގައި ވެއެވެ.
ފުލުހުން އާފިރު ހުރި ކޮޓަރިއަށް ދިޔައިރު ކުށަށް އިއުތިރާފުވެ ވަގަށްނެގި ބައެއް ފައިސާ ވައިކޮޅިއަށް ވައްޓާލި ކަމަށް އާފިރާއި އަރީޝް ބުނުމުން، ވައިކޮޅި ޗެކްކުރި އިރު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.