25 Nov 2015, 17:09
ރައްކާތެރި ގޮތުގައި ފެން ބޭނުން ކުރުމާ ބެހޭގޮތުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ދުވާފަރުގައި އިއްޔެ ފެށި އެ ޕްރޮގްރާމް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ އެ ޕްރޮގްރާމްގެ ބޭނުމަކީ ފެނުގެ މުހުއްމު ކަމާއި ރަނގަޅު ގޮތުގައި ފެން ބޭނުން ކުރުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުން ކަމަށެވެ.
ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ރައްޔިތުން ހޭލުންތެރި ކުރުމަށް "ޑޯ ޓު ޑޯ" ކެމްޕެއިންވެސް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ރައްކާތެރި ނޫން ފެން ބޭނުން ކުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާ ގުޅޭގޮތުން ވެސް އެ ޕްރޮގްރާމްގައި މައުލޫމާތު ދޭނެ ކަމަށް ވަނީ ބުނެފައެވެ.
"ރައްކާތެރި ފެން، އެންމެނަށް އަބަދުވެސް" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މާދަމާ ދުވާފަރުގައި ކުޑަކުދިންގެ ހަވީރެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ.