25 Nov 2015, 11:55
ރާއްޖޭގެ ހަމަހިމޭން ކަމަކީ ރާއްޖެ އަށް ޓޫރިސްޓުން އައުމަށް ލިބޭ ބާރެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސާވޭއަކުން ދައްކައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ)ގައި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ސާވޭއެއްގައި ދައްކާގޮތުން ޓޫރިސްޓުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ހިޔާރުކޮށްފައި ވަނީ ރާއްޖޭގެ ރީތިކަމުގެ ސަބަބުން ކަމަށްވާއިރު ރާއްޖޭގެ ހަމަހިމޭން ކަމަކީ ފަތުރުވެރިން ރާއްޖެ އައުމަށް ލިބޭ ބާރެކެވެ.
އެހެން ޖަޒީރާ މަންޒިލްތަކާ އަޅާބަލާ އިރު ރާއްޖޭގެ ގޮނޑުދޮށްތަކާއި ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ފުރިހަމަ ކަމަށް ވެސް ސާވޭގެ ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ. ހަމަ އެހެންމެ ރިޒޯޓްތަކާއި ހޮޓާތަކުގެ ކޮލިޓީއާއި ސްޓާފުންގެ "ފެރެންޑްލިނެސް" ވެސް އެހެން މަންޒިލްތަކަށް ވުރެ ފުރިހަމަ ނުވަތަ އެއްވަރު ކަމަށް ސާވޭގެ ބައިވެރިން ބުނެފައިވެ އެވެ.
ސާވޭން ބުނާ ގޮތުން ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ހަނީމޫންއަށް އަންނަ ފަތުރުވެރިންނެވެ. އެސާވޭގައި ބައިވެރިވި 90 ޕަސެންޓް ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ބައިވެރިޔާއާއެކު އެވެ.
ރާއްޖެއަކީ ތަކުރާރުކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގައި ވެސް ސާވޭ އިން ދައްކަ އެވެ. އެގޮތުން ސާވޭގެ ބައިވެރިންގެ 19 ޕަސެންޓްއަކީ އެއް ފަހަރަށް ވުރެ ގިނަފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކަމަށް ސާވޭ އިން ދައްކަ އެވެ.
ރާއްޖެ އިން ލިބުނު ހިދުމަތްތަކާ ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކުގެ ތެރެއިން އައިއެންއައިއޭގެ ކަސްޓަމާ ސާވިސް އާއި އިމިގްރޭޝަންގެ ހިދުމަތާއި ޗެކްއިން ސާވިސްއާއި ދޭތެރޭ ފަތުރުވެރިން ވަރަށް ހިތްހަމަޖެހޭ އިރު އެއާޕޯޓުގެ ބޭންކިން އާއި ކެފޭ، ރެސްޓޯރެންޓް އާއި ޝޮޕިން ފަދަ ހިދުމަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ސާވޭގެ ބައިވެރިން ބުނެފައިވެ އެވެ.
ސާވޭގެ ބައިވެރިންގެ 56 ފަތުރުވެރިން ބުނެފައި ވަނީ ރާއްޖެއިން ލިބެން ހުންނަ ސުވެނިއާސްތަކުގެ އަގު ބޮޑު ކަމަށެވެ. ނަމަވެސް ގެސްޓް ސާވިސްއާއި މެނޭޖްމެންޓް ވަރަށް ރަނގަޅުކަމަށް ސާވޭގެ 87 ޕަސެންޓް ބައިވެރިން ބުނެފައިވެ އެވެ.
އެސާވޭގައި ބައިވެރިވި 93 ޕަސެންޓް ފަތުރުވެރުން ރާއްޖޭގައި ހޭދަކުރެވުނު ޗުއްޓީ އާއި މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައިވާ އިރު އޭގެ ތެރެއިން 92 ޕަސެންޓް ފަތުރުވެރިން ވަނީ ރާއްޖެ އަށް އަދި އަންނާނެ ކަމަށް ބުނެފަ އެވެ. އަދި 98 ޕަސެންޓް ފަތުރުންވެރިންނަކީ ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ރަނގަޅު މަންޒިލެއްގެ ގޮތުގައި ރޮކޮމެންޑް ކުރާނެކަމަށް ބުނެފައިވާ ފަތުރުވެރިންނެވެ.