ބަޔަކު ގޭގެ ޓެރަސްމަތީ ބާބަކިއު ހަދަން އުޅެނިކޮށް ޕެޓްރޯލް ފުޅިއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރޭ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުންޏެވެ. ދިފާއީ ބާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭ 10:00 ޖަހާ އެހާކަންހާއިރު އެ ހާދިސާ ހިނގީ ޖަނަވަރީ މަގުގައި ހުންނަ ހ. ރިހިތަޅާގޭގެ ޓެރަސް މަތީގައި ބާބަކިއު ހަދަން އުޅުމުގެ ތެރޭ އަލިފާންގަނޑު ބޮޑު ކުރަން އިތުރަށް ޕެޓްރޯލް އަޅަން އުޅެނިކޮށް ޕެޓްރޯލް އަޅައިގެން އުޅުނު ފުޅީގައި ރޯވެގެން ކަމަށެވެ.

ޕެޓްރޯލް ފުޅީގައި ރޯވުމާއެކު، ބާބަކިއު ހަދަން ތިބި މީހުން، ސަލަމާތްވާ ފުޅި އެއްލައިލުމުން ޖެހިގެން ހުރި ހ. ވިނޯލިއާގޭ ދިޔަދޮވީގެ ތެރެއަށް އެ ފުޅި ވެއްޓިފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.
ތިން ފޫޓު ހުންނަ ވަރުގެ ޕްލާސްޓިކް ދިޔަދޮވީގައި އެވަގުތު އަލިފާން ރޯވެ ދިޔަދޮވި ވަރަށް ބޮޑަށް ވިރުން ފިޔަވައި އިތުރު ގެއްލުމެއް ނުލިބެނީސް އެ އަލިފާންގަނޑު ނިއްވައިލީ ވިނޯލިޔާގައި ދިރިއުޅޭ އާއިލާ އިންނެވެ.