25 Nov 2015, 10:59
ތޫނިސް (ނޮވެމްބަރ 25):އިއްޔެ ޓިއުނީޝީއާގެ ވެރިރަށް ތޫނިސްގެ ބަހެއްގައި ބޮމެއް ގޮވައި، 12 މީހުން މަރުވުމުގެ ސަބަބުން އެގައުމުގައި 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލާތު އިއުލާން ކޮށްފި އެވެ.
ބޮން ގޮވާފައި ވަނީ ޓިއުނީޝިއާގެ ރިޔާސީ ހަށިފާރަވެރިން ދަތުރު ކުރަމުން ދިޔަ ބަހެއްގައި އެވެ. އެ ހާދިސާގައި 12 މީހަކު މަރުވުމުގެ އިތުރުން 20 މީހަކު ވަނީ ޒަޚަމް ވެފައެވެ. މަރުވި މީހުންނާއި ޒަޚަމް ވި މީހުންގެ ތަފްސީލު އަދި އާއްމުކޮށްފައި ނުވެ އެވެ.
ޓިއުނީޝިއާގެ ސަރުކާރުން ވަނީ އެ ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް، އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.
ޓިއުނީޝިއާގެ ރައީސް މުހައްމަދު ބާޖީ ގާއިދު އަސްސަބްސީ ވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމުގެ އިތުރުން ވެރިރަށް ތޫނިސް ގައި ކާފިއު އިއުލާން ކުރައްވާފައި އެވެ.
ރައީސް އަސްސަބްސީ ވިދާޅުވީ ޓިއުނީޝިއާ ދަނީ "ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން" ކަމަށެވެ. އަދި އެ ހަނގުރާމައިގައި ބައިނަލްއަގުވާމީ ދުނިޔެއިން ވެސް ބައިވެރިވުމަށް ރައީސް ވަނީ އެދިވަޑައިގެންފައި އެވެ.
ތޫނިސް އަށް އެ ހަމަލާ ދީފައި ވަނީ ސިޓީގެ ސަލާމަތީ ހާލަތު އިތުރަށް ވަރުގަދަ ކުރިތާ 10 ވަރަކަށް ދުވަސްވީ ފަހުންނެވެ.
މައުލޫމާތު: އޭޕީ