25 Nov 2015, 14:00
މެސީ، ސުއަރޭޒް އަދި ނޭމާގެ ކޮމްބިނޭނޭޝަން ފުލްކޮށް ފެނިގެން ދިޔަ މެޗްގައި 6-1 ތަފާތު ބޮޑު ނަތިޖާއަކުން އޭއެސް ރޯމާގެ މައްޗަށް ޔުއެދާ ޗެމްޕިއަންސް ލީގުގައި ބާސެލޯނައިން ކުރިހޯދައިފިއެވެ.
އެ ތިން ކުޅުންތެރިންގެ ކޮމްބިޏޭޝަން ފުލްކޮށް ފެނިފައި މިވަނީ ދެ މަސް ފަހުންނެވެ. އެންމެ ފަހުން މިތިން ކުޅުންތެރިން އެކީ ފުލްކޮށް ކުޅެފައިވަނީ ސެޕްޓަމްބަރު މަހު 23 ވަނަ ދުވަހު ސްޕެނިޝް ލީގްގައި ސެލްޓަވީގޯއާ ދެކޮޅަށް ކުޅުނު މެޗްގައެވެ.
ބާސާގެ އަމިއްލަ ދަނޑު ކޭމްޕްނޯގައި ކުޅުނު މެޗްގައި މެސީއާއި ސުއަރޭޒް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލިގްގެ ގުރޫޕް 'އީ' ގައި ބާސާ އާއި ރޯމާއާ ކުޅުނު މެޗްގެ ތެރެއިން ޕީކިޔް (ކ) އާއި ސުއަރޭޒް އަދި މެސީ އުފާ ކުރަނީ --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް
އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޖެރާޑް ޕީކިޔްއާއި އެޑްރިއާނޯއެވެ.
މި ދެޓީމް ބައްދަލު ކުރި ފުރަތަމަ ލެގް ރޯމާގެ ސްޓޭޑިއަމްގައި ކުޅެ ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
ބާސާގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ސުއަރޭޒް ކާމިޔާބު ކުރީ ޑެނީ އަލްވޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އޭގެ ދެ މިނެޓް ފަހުން ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ވަނީ ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލިގްގެ ގުރޫޕް 'އީ' ގައި ބާސާއާ ރޯމާ ކުޅުނު މެޗްގެ ތެރެއިން ލަނޑު ޖެހުމަށްފަހު މެސީ އުފާކުރަނީ --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް
ބާސާގެ ތިން ވަނަ ލަނޑު ސުއަރޭޒް ކާމިޔާބު ކުރީ ރޯމަގެ ޕެނަލްޓީ އޭރިއާގެ ބޭރުން ބާސާއަށް ލިބުނު ހިލޭ ޖެހުން ނޭމާ ފޮނުވާލުމުން ރޯމާގެ ޑިފެންސުން ދިފާއުކޮށް ފޮނުވާލި ބޯޅަ ރިބާއުންސަށް ނިކުތުމުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ބާސާގެ ހަތަރު ވަނަ ލަނޑު ޕީކިޔް ކާމިޔާބު ކުރީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗްގެ 56 ވަނަ މިނެޓްގައެވެ.
އޭގެ ދެ މިނެޓް ފަހުން ބާސާގެ ފަސް ވަނަ ލަނޑު މެސީ ކަމިޔާބު ކުރީ ސުއަރޭޒް ތަނަވަސްކޮށްދިން ބޯޅަ ރޯމާގެ ގޯލަށް ފޮނުވާލި ނަމަވެސް ރޯމާގެ ކީޕަރު ދިފާއުކުރި ބޯޅަ ރީބައުންސްވެ މެސީއަށް އަލުން ބޯޅަ ލިބި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލިގްގެ ގުރޫޕް 'އީ' ގައި ބާސާއާ ރޯމާ ކުޅުނު މެޗްގެ ތެރެއިން ލަނަޑު ޖެހުަމަށްފަހު ސުއަރޭޒް އުފާ ކުަރަނީ --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް
މެސީއާއި ސުއަރޭޒް ރޭގެ މެޗްގައި ލަނޑު ޖެހިއިރު އެ ދެކުޅުންތެރިންގެ އަނެއް ޕާޓްނާ ނޭމާއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ވެފައެވެ.
ރޯމާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ނޭމާއަށް ރޯމަގެ މިޑްފީލްޑާ ޞޯލިހް އުކަން ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ މެޗްގެ 77 ވަނަ މިނެޓްގައި ނޭމާ ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ ރޯމާގެ ކީޕަރު ޕޮލެންޑްގެ ވޮއިޖެކް ޝަޗެސްނީ ވަނީ ދިފައުކޮށްފައެވެ.
ނަމަވެސް ނޭމާ ފޮނުވާލި ޕެނަލްޓީ ޝަޗެސްނީ ދިފައު ކުރިބޯޅަ ރީބައުންސަށް ނިކުތުމުން އެޑްރިއާނޯ ވަނީ ގޯލް ތެރެއަށް ފޮނުވާލައިގެން ބާސާގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ރޯމާގެ ހަމަ އެކަނި ލަނޑު ބޮސްނިއާގެ އެޑެން ޖެކޯ ކަމިޔާބު ކުރީ މެޗްގެ އެންމެ ފަހު ވަގުތު ކޮޅު ތެރޭގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލިގްގެ ގުރޫޕް 'އީ' ގައި ބާސާއާ ރޯމާ ކުޅުނު މެޗްގެ ތެރެއިން ޞާސާގެ ސުއަރޭޒް އަތުން ބޯޅަ ހޯދުމަށް ރޯމާގެގެ ލޫކަސް ޑީނޯ (ކ) މަސައްކަތް ކުރަނީ --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް
މިލނޑު ޖެހުމުގެ ކުރިންވެސް ޖެކޯއަށް ވަނީ އިތުރު ލަނޑެއް ޖެހުމަށް ޕެނަލްޓީއެއް ލިބިފައެވެ.
މެޗްގެ 81 ވަނަ މިނެޓްގައި ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ޖެކޯ ބޯޅަ ހިފައިންގެން ވަން އިރު ބާސާގެ ޑިފެންޑަރު ތޯމަސް ވާމެލަން ޖެކޯއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ފޮނުވާލި ނަމަވެސް ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.
ރޭ ގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ބާސާ އެއް ވަނައިގައި އޮތީ 13 ޕްއިންޓާއެކުއެވެ.
ބާސާއަށް ވުރެ އަށް ޕްއޮންޓް ބޮޑު ފަރަގަކާއެކު ރޯމާ ދެ ވަނައިގައި އޮތީ ފަސް ޕޮއިންޓް ލިބިގެންނެވެ.
ރޭ މިގުރޫޕްގައި ޖަރުމަންގެ ބަޔާން ލެވަކޫސަންއާއި ބެލަރޫސްގެ އެފްސީ ބޭޓް ބައްދަލު ކުރި މެޗް ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
ލެވަކޫސަންއަށް ވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ނަމަވެސް ރޯމާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ޓޭބަލްގެ ފުލުގައި އޮތް ބޭޓަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.