މަޝްހޫރު ބްރިޓިޝް ލަވަކިޔުންތެރާ އެޑެލް މިދިޔަ ހުކުރު ދުވަހު ނެރުނު އަލްބަމް "25"، ހަފްތާއެއް ނުވަނީސް ރެކޯޑުތައް މުގުރާލައި އެ އަލްބަމްގެ ލަވަތައް ޗާޓުތަކުގައި ރަނިކަން ކުރަން ފަށައިފި އެވެ.

ހަފްތާއެއް ނުވަނީސް، ހަފްތާއެއްގެ ތެރޭ އެންމެ ގިނަ ކޮޕީ ވިކުނު އަލްބަމްގެ ރެކޯޑު ވެސް މުގުރާލާފައި ވަނީ އެޑެލްގެ "25" އެވެ. މިދިޔަ އާދިއްތަ ދުވަހު އެޑެލް ރިލީޒް ކުރި 25 ވަނީ ތިން ދުވަސް ތެރޭގައި އަލްބަމްގެ 2،433،000 ކޮޕީ ވިއްކުމުގެ ރެކޯޑު ގާއިމުކޮށްފަ އެވެ.

ހަފްތާއެއް ނުވަނީސް އަލްބަމެއްގެ އެންމެ ގިނަ ކޮޕީތަކެއް ވިއްކައިގެން އެ ރެކޯޑު ގާއިމުކޮށްފައި ވަނީ ކުރީގެ މަޝްހޫރު ބޭންޑެއް ކަމަށްވާ އެންސިންކް އިންނެވެ. އެންސިންކް އިން 2000 ވަނަ އަހަރުގައި ނެރުނު "ނޯ ސްޓްރިންގްސް އެޓޭޗްޑް" ވަނީ ފުރަތަމަ ހަފްތާގައި އަލްބަމްގެ 2،400،000 ކޮޕީ ވިއްކާފައެވެ.

މުރާސިލުން ބުނާ ގޮތުގައި 25 ނެރުނު ފުރަތަމަ ހަފްތާ ނިމެންވާއިރަށް އެ އަލްބަމްގެ 2.9 މިލިއަން ކޮޕީ ވިކޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

އެޑެލްގެ 25 އަށް ލިބެމުން އަންނަ ކާމިޔާބީއާއެކު އެ އަލްބަމް ވަނީ މީގެ 15 އަހަރު ވަންދެން ގާއިމުކޮށް މުގުރާލެވިފައި ނުވާ ރެކޯޑެއް މުގުރާލާފައެވެ.

ވޭތުވެ ދިޔަ އަހަރުގެ އެންމެ ގިނަ ކާމިޔާބީތަކެއް ލިބި ގިނަ ރެކޯޑުތަކެއް މުގުރާފައި ވަނީ ޓޭލާ ސްވިފްޓްގެ "1989" އެކެވެ. ނަމަވެސް އެ އަލްބަމަކަށް އެޑެލްގެ 25 އާ ވާދައެއް ނުކުރެވޭނެ އެވެ. އެހެން ކަމުން ގިނަ ބަޔަކު ބުނާ ގޮތުގައި އަންނަ އަހަރުގެ އެވޯޑުތައް މިހާރު ވެސް އެޑެލްއާ ހަވާލު ކުރަންވީ އެވެ.

އެޑެލްގެ އަލްބަމްގެ ލަވަތައް ދަނީ ދުނިޔޭގެ ޗާޓުތަކުގައި ރަނިކަން ކުރަމުންނެވެ. އެގޮތުން އޭނާގެ އަލްބަމުން މިދިޔަ މަހު ނެރުނު ސިންގަލް "ހެލޯ" ވަނީ މިހާތަނަށް އެންމެ ގިނަ ކޮޕީ ވިކުނު ސިންގަލްގެ މަގާމު ވެސް ހޯދާފައެވެ. ހެލޯ ވަނީ އެ ލަވަ ނެރުމުގެ ފުރަތަމަ ހަފްތާގައި 1.1 މިލިއަން ކޮޕީ ވިއްކާފައެވެ.