ރިހެބިލިޓޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރާ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު އިޖުތިމާއީ ކޮމެޓީން ފާސްކޮށްފި އެވެ.

އެ އިސްލާހު އެގޮތަށް ފާސްކުރަން ފެންނަ ކަމަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ.

އަލީ މުހައްމަދު ވިދާޅުވީ އެ ބިލަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގާއިމުކުރަން ޖެހޭ އެކި އެކި މަރުކަޒުތައް ވަކި ވަކިން ގާއިމުކުރުމުގެ ބަދަލުގައި އެކި ބާވަތުގެ ޚިދުމަތް އެއް ފުރާޅައެއްގެ ދަށުން ލިބޭނެ ފަދަގޮތަކަށް ޚިދުމަތްތައް ބައްޓަންކުރުން ކުރުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ހިންގޭ ފަރުވާދޭ މަރުކަޒުތައް ސަރުކާރުން ކަނޑައަޅާ އުސޫލުތަކާއި ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހިންގޭނެ ގޮތް މަގުފަހިކުރުން ކަމަށެވެ.

"މަސްތުވާތަކެތި ބޭނުންކުރާ މީހުން ސަރުކާރުގެ ހަރަދުގައި ދިވެހިރާއްޖެ އިން ބޭރަށް ފަރުވާއަށް ފޮނުވޭނެ އުސޫލުތައް ތައާރަފު ކުރުމަށާއި އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުށަހަޅާފައިވާ ބިލެކެވެ." އަލީ މުހައްމަދު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ އިސްލާހު މަޖިލީހުން ފާސްވެ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑީޓޮފިކޭޝަން މަރުކަޒަކާއި ޑްރަގް ޓްރީޓްމަންޓް އެންޑު ރިހަބިލިޓޭޝަން މަރުކަޒަކާއި ކުޑަކުދިންނަށް ޚާއްސަ ޓްރީޓުމަންޓް އެންޑް ރިހަބިލިޓޭޝަން މަރުކަޒެއްގެ އިތުރުން އަންހެނުންނަށް ޚާއްސަ ޓްރީޓުމަންޓް އެންޑް ރިހަބިލިޓޭޝަން މަރުކަޒެއް ގާއިމުކުރަން ވާނެ ކަމަށެވެ.

ހަމައެއާ އެކު ހާފުވޭ ހައުސެއް ވެސް ގާއިމުކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ އާއްމު ފަރާތްތަކަށް އެފަދަ މަރުކަޒުތައް ހިންގަން ހަވާލުކުރާއިރު އެފަދަ ތަންތަން ހިންގަން ހަވާލުކުރާނީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރެވޭ އާއްމު އިއުލާނެއްގެ ތެރެއިން ކަމަށެވެ.

އެ އިސްލާހު މަޖިލީހުން ފާސްވެ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ޑްރަގު އޮފެންޑާ ރިމާންޑު ސެންޓަރެއް އުފައްދަންވާނެ ކަމަށެވެ. އަދި އެ ސެންޓަރު ހިންގާނީ ސަރުކާރުން ކަމަށާއި އެހެން އެއްވެސް ފަރާތަކަށް އެ ސެންޓަރު ހިންގުން ހަވާލު ކުރެވިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.