އައްޑޫ ސިޓީ އަށް މިރޭ ބޯކޮށް ވާރެވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ އެވެ.

ފެންބޮޑުވެފައި ވަނީ ފޭދޫ ދާއި މަރަދޫފޭދޫގަ އެވެ. އަދި ކޮންމެ ވެސް ވަރަކަށް ހިތަދޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފައިވެ އެވެ.

އައްޑޫގެ ބައެއް ރަށްތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ދަނީ ކުރަމުންނެވެ.

އެމްއެމްޑީއެފުން ބުނީ ފޭދޫ 17 ގެއެއްގައި ފެން ނުވަންނާނެހެން ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި މަރަދޫފޭދޫ އާއި ފޭދޫގެ ތިން ސަރަހައްދެއްގައި ޕަންޕުޖަހައިގެން ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ މިއަދު ހަވީރު ވެހުނު ވާރޭގައި ގަޑިއެއްހާ އިރު ތެރޭގައި 54.9 މިލިމީޓަރުގެ ވާރޭ އައްޑު އަށް ވެހިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން މިހާތަނަށް ކުރި ވިއްސާރައިގައި އައްޑު އަށް 162 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.