06 Apr 2011, 11:12
އެހެން ގައުމުތަކުގެ ސުލްހަ ބެލެހެއްޓުމަށް ދިވެހި ސިފައިން ނެރުމުގެ ކުރިން މާލޭ މަގުމަތީގައި ސުލްހަ ބެލެހެއްޓުން މާ މުހިންމު ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
އ.ދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ ގުޅޭގޮތުން ސުއޫދު އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ "އެހެން ގައުމުތަކުގެ ސުލްހަ ބެލެހެއްޓުމަށް އަހަރުމެން ފެށުމުގެ ކުރިން މާލޭގެ މަގުތަކުގައި ސުލްހަ ބަލެހެއްޓުމަކީ މާ މުހިންމު ކަމެއް" ކަމަށެވެ.
"އެހެން ގައުމުތަކުގެ ސުލްހަ އަހަރުމެން ބެލެހެއްޓުމުގެ ކުރިން މާލޭ މަގުމަތީގެ ސުލްހަ ބެލެހެއްޓުން މާ މުހިންމު،" ސުއުދުގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެ އެވެ.
މިކަމާބެހޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު އިތުރަށް އެއްޗެއް ވިދާޅުވޭތޯ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވި އެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ އދ. ގެ ޕީސް ސަޕޯޓް އޮޕަރޭޝަންތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ކެބިނެޓުން ނިންމެވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ތައްޔާރުކުރުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވި ކަރުދާހެއްގެ މައްޗަށް ބެލުމައްފަހު ކަމަށެވެ.
ގައުމީ ދިފާއީ ބާރުގެ މޑީއާ ކޯޑިނޭޓާ މޭޖާ އަބްދައްރަހީމް މިއަދު ވިދާޅުވީ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިވާން ފެށުމުން ސިފައިންނަށް އިތުރު ތަޖުރިބާ ތަކާއި ތަމްރީންތަކެއް ލިބި ސިފައިންގެ މަސައްކަތައް އިތުރު ކުރިއެރުން ތަކެއް ލިބޭނެ ކަމަށެވެ
.
"މިއީ ވަރަށް ރަނގަޅު ނިންމެވުމެއް. އެހެން ވީމަ މިކަމުން ސިފައިން ނަށް އިތުރު ކުރިއެރުން ލިބިގެން އަންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ދިފާއީ ބާރުން މިއަދު ބުނީ ސުލްހަ އދ ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ބައިވެރި ވުމަށް ގައުމީ ދިފާއީ ބާރުން އޮތީ ތައްޔާރަށް ކަމަށާއި ސިފައިންގެ ތެރޭގައި ތިބި ގިނަ މީހުންނަކީ އެކަމަށް ތަމްރީންވެފައި ތިބި މީހުން ކަމަށެވެ.
ނަމަވެސް އަދި ދިވެހި ސިފައިންދާނޭ ވަކި ގައުމުތަކެއް އަދި ކަނޑަނާޅާ ކަމައްވެސް ދިފާއީ ބާރުން ބުންޏެވެ.
އދ ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހިން ބައިވެރިވާން އިއްޔެ ސަރުކާރުން ނިންމި އިރު މާލޭގެ މަގުތަކުގައި މާރާމާރީ ހިންގުން ވަނީ އިންތިހާޔަށް މައްޗަށް ގޮސް މަގުތަކުގެ އަމަންއަމާންކަން ގެއްލިފަ އެވެ. އެކަމުގެ ސަބަބުން ގިނަ އާންމު ރައްޔިތުން ނާއި ސިޔާސީ ވެރިންވެސް ބުނަމުން އަންނަނީ ގައުމު ދިފާއީ ބާރު ނެރެގެންވެސް މަގުތަކުގެ އަމަން ގާއިމް ކުރަން ޖެހިފައިވާ ކަމަށެވެ.