ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ބޭކާރު ހަނގުރާމަތަކުގެ ސަބަބުން ހާލުގައިޖެހޭ މީހުންނަށް އެހީވާށާއި ބައެއް ސަރަހައްދުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެކުވެރި ދައުލަތްތަކުގެ ސިފައިންގެ ގިނަ ބަޔަކު ދަނީ " ސުލްހަ ބަލަހައްޓާ" ލަޝަކަރުތަކުގައި މަސައްކަތް ކުރަމުންނެވެ.

މަގުބޫލު އުޒުރެއް ނެތި ފަށައިގެން އުޅޭ ހަނގުރާމަތަކާއި ނިމުމެއް ނެތް ދާޚިލީ ހަނގުރާމަތައް ހިނގާ ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދާ އދ. ގެ ސިފައިން ކޮންމެ ދުވަހަކުހެން ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މަރުވަމުންނެވެ.

އދ. ގެ ރަސްމީ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2009 ވަނަ އަހަރާއި މިދިއަ އަހަރު، އަފްޣާނިސްތާންގައި އެކަނިވެސް އދ. ލަޝްކަރުން ދިހަ ސިފައިން މަރުވި އެވެ.

ހަނގުރާމަވެރިންގެ ހަމަލާތަކާއި ބިންހެލުންތަކާ މަގުމަތީގެ އެކްސިޑެންޓްތަކުގައި އދ ގެ ސުލްހަ ބަލަހައްޓާ ލަސްކަރުތަކުން އެތައް ސަތޭކަ ސިފައިންނެއް މަރުވެގެން ގޮސްފައިވާއިރު ސުލްހަ ބެލެހެއްޓުމުގައި އެ ލަސްކަރުތަކަށް މާބޮޑު ކާމިޔާބެއް ވަނީ ނުލިބި އެވެ.

ހަނގުރާމަތައް ހިނގަމުންދާ ގައުމުތަކުގައި ފޯރި މަރަމުންދާ އދ ގެ ސުލްހަބަލަހައްޓާ ސިފައިން މަރުވަމުންދާ މިންވަރު 2003 ވަނަ އަހަރާ 2010 ވަނަ އަހަރާ ދެމެދުގެ ތަފާސްހިސާބުތަކަށް އެކަނި ބަލާލުމުންވެސް ވަޒަންކުރެވެ އެވެ.

ހަނގުރާމަ ފަށަން ޖެހޭ ސަބަބެއް ބައިނަލް އަގުވާމީ މުޖުތަމައަށް ނުދައްކައި އެމެރިކާއިން އެ ގައުމަކާ ދެކޮޅަށް ހަނގުރާމަ ފެށި އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އދ ގެ ހެޑްކްއާޓަރަށް ބަޔަކު ދިން ކާރު ބޮމުގެ ހަމަލާއެއްގައި 2003 ވަނަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު އދ ގެ 17 މުވައްޒަފުން މަރުވިއިރު އޭގެ ތެރޭގައި ސިފައިން ވެސް ހިމެނެ އެވެ. އެއަހަރު އދ ގެ ސުލްހަ ބަލަހައްޓާ މިޝަންތަކުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ހަރަކާތްތެރި އެކި ގައުމުތަކުގެ 93 ސިފައިން މަރުވި އެވެ.

އދ ގެ މުވައްޒަފުންގެ 32 މީހުންނާއި ސުލްހަ ބަލަހައްޓާ ސިފައިންގެ 124 މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި 2005ގައި މަރުވެފައިވާއިރު 2006 ވަނަ އަހަރު އާދައިގެ މުވައްޒަފުންގެ 22 މީހުންނާއި ސުލްހަ ބަލަހައްޓާ ސިފައިންގެ 107 މީހުން މަރުވި އެވެ.

އދ ގެ އާދައިގެ މުވައްޒަފުންގެ 33 މީހުންނާއި ސިފައިންގެ ނުވަމީހުންގެ މަރުގެ ޚަބަރު އެމީހުން ނިސްބަތްވާ ގައުމުތަކަށް 2007 ގައި އދ ން އެންގި އެވެ. ހަމަ އެހެންމެ 2008 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އދ ގެ 166 މުވައްޒަފުން މަރުވި އިރު އޭގެ ތެރެއިން 132 މީހުންނަކީ ސުލްހަ ބަލަހައްޓާ ސިފައިންނެވެ. އަދި 2009 ވަނަ އަހަރު އދ ގެ 38 މީހުން މަރުވިއިރު އޭގެ ތެރެއިން ހަތް މީހުންނަކީ ވެސް ސިފައިންނެވެ. މިދިއަ 2010 ވަނަ އަހަރު ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުގައި ހަރަކާތްތެރިވަމުން ދިޔަ އދ ގެ ސުލްހަ ބަލަހައްޓާ ލަސްކަރުގެ 102 ސިފައިން މަރުވި އެވެ. -- ޒިންހޫއާ ނިއުސް