ބަޖެޓަށް އާރޯކަން ގެނެސްދޭނެ އާމްދަނީގެ ވަސީލަތެއް ތަނަވަސް ވެއްޖެ ނަމަ އަންނަ އަހަރުގެ މެދު ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ޕީޕީއެމަށް ސޮއިކުރުމަށް ސްޓެލްކޯ މާލަމްގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަކީ އިގުތިސާދީ ގޮތުން ފާގަތި އަހަރަކަށް ވެގެންދާނެ ކަމުގެ ސިގްނަލްތައް އެބަހުރި ކަމަށެވެ. އެގޮތުން ބަޖެޓަށް އާރޯކަން ގެނެސްދޭގެ ވަސީލަތްތަކެއް 2016 ވަނަ އަހަރު ފެށުމާއި އެކު ބައްދަލުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"... މިކަންކަން މިގޮތަށް ދާކަމަށް ވަންޏާ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލި ފަދައިން އަހަރުގެ މެދުތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނަން،" ރައީސް ޔާމީނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަކީ ބަޖެޓަށް ގެންނަ އިސްލާހެއް ނޫން ކަމަށާއި އެއީ ދައުލަތުން ބޭނުން ނަމަ މުޅި ބަޖެޓް އާކޮށްލުމުގެ ފުރުސަތު އޮންނަ ބަޖެޓެއް ކަމަށެވެ.

"..އެހެންވީމާ އެއީ ހަމަ މުޅިން އާ ބަޖެޓަކަށް ވުމަކީ ދުރުކަމެއް ނޫން. ފައިސާ ލިބޭނެ މިންވަރު އިތުރުވެގެން ދިޔައިމާ މުޅި ބަޖެޓަށް އިސްލާހުތަކެއް އަންނާނެ. މުޅި ބަޖެޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.