24 Nov 2015, 19:57
ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ބަދު ދުއާ ކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު އަދި އެމްޑީޕީ ރ. އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހްމަދު (ހަސަންޓޭ) ހައްޔަރު ކޮށްފައިވާތީ އެޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ހަސަންޓޭ ހައްޔަރު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެއްވެސް އިރެއްގައި އެޕާޓީން ބަދުދުއާކޮށްފައިނުވާނެ ކަމަށެވެ.
"އެމްޑީޕީއަކުން ދުވަހަކުވެސް ބައެއްގެ މައްޗައް ހަލާކަށް އެދި ބައެއް ފަނާކުރެއްވުން އެދި ބަދު ދުވާއެއް ކޮށްފައެއް ނުވާނެ. ކިރިއާވެސް އެ ދުއާގައި ހަރުކަށި އިބާރާތެއް ހިމެނިފައިވާނަމަ ވާނީ ރާއްޖޭގައި އުޅޭ މީހުން މަރައި، މިހުން ގެއްލުވާލާ ފަރާތްތަކަށް ހެއްދެވި ފަރާތުގެ ހަޒުރަތުގައި މި ދަންނަވަނީ ހައްގު ޖަޒާދެއްވާށޭ،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ބޭރުގައި ކުރާ ދުއާއަކީ އެމްޑީޕީން ކުރާ ދުއާއެއް ނޫންކަމަށާއި އެއީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އެޕާޓީއަށް ތާއީދުކުރާ ބަޔަކު ކުރާ ކަމެއް ކަމަށެވެ.
އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެމްބަރު ސެއިޙް ހުސައިން ރަޝީދު އަހްމަދު ވިދާޅުވީ އެޕާޓީން ކުރަމުން އަންނަ ކަންތައްތަކަކީ އަނިޔާވެރިކަން ނައްތާލައި އަދުލު އިންސާފު ގާއިމް ކުރުމަށް ކުރާ ކަމެއް ކަމަށާއި ހައްގުތައް ހޯދަން ރައްޔިތުން ނިކުންނަށް ޖެހިއްޖެ ކަމަށެވެ.
"އަނިޔާވެރިކަން ހައްދު ފަހަނަ އަޅާފައި މިއޮތީ. ދުއާ ކުރާ މީހުން އެ ދަނީ ޖަލަށް. ސިޔާސީ ގޮތުންވެސް ބަޔަކު ދުއާކުރަނީ. އެއްބަޔަކު އަނެއްބަޔަކަށް ވެސް ސިޔާސީ ގޮތުން ދުއާކުރަނީ. ސަރުކާރުން ވެސް ސިޔާސީ ގޮތުން ދުއާ ކުރޭ،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުއާކުރުން ނުހުއްޓުވޭނެ ކަމަށާއި ދުއާ ކުރަނީ މާތްﷲގެ ހަޒުރަތަށް ަކަމަށެވެ.
ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ބަދުދުއާ ކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަޙްމަދު ފުލުހުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.