އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ގދ. ތިނަދޫ ބްރޫމް، ނިޔާޒް އިބްރާހިމްގެ ނަން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީ އަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމުގައި ހުންނެވި ނިޔާޒްގެ ނަން މަޖިލީހަށް އިއްލާން ކުރެއްވުމަށް ފަހު އެ ނަން ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުވިކަން ރިޔާސަތުން އިއްލާން ކުރެއްވި އެވެ.

ނިޔާޒް އިބްރާހީމަކީ، އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީން، އޮޑިޓް މެނެޖްމަންޓް އެންޑް ކޮންސަލްޓެންސީގެ ރޮނގުން މާސްޓާ އޮފް ސައެންސް ހައްދަވައި، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގައި، އެކައުންޓިން އެންޑް ފައިނޭންސްގެ ރޮނގުން ބެޗްލާޒް ޑިގްރީ (އޮނާޒް) ހާސިލު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އޭނާއަކީ އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ސާޓިފައިޑް އެކައުންޓެންޓެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އޮޑިޓަ ޖެނެރަލް ކަމަށް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައި މިވަނީ، އޮޑިޓާ ޖެނެރަލެއް ނެތި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ސަރުކާރަށް ފާޑުކިއުންތައް ރައްދުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކުރިން އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ނައީމުގެ މައްޗަށް އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައްޔިތުންގެ އޭނާ މަގާމުން ވަކި ކުރުމުން، އެ މަގާމަށް އައްޔަންކުރުމަށް ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި އަލީ ރަޝީދުގެ ނަން ވެސް މަޖިލީހުން ވަނީ ފެއިލްކޮށްލައިފަ އެވެ.

ކުރިން އޭސީސީގެ ރައީސްކަން ކުރެއްވި އަލީ ރަޝީދުގެ ނަން މަޖިލީހުން ފެއިލްކޮށްލާފައި ވަނީ ޑިސެމްބަރު8، 2010ގަ އެވެ.