ބޮލީބުޑްގެ އެންމެ ގިނަ ބައެއްގެ ލޯތްބާއި އިޙުތިރާމު ލިބިފައިވާ އަމީތާބް ބައްޗަން އޭނާ އަށް ހެޕަޓައިޓިސް ބީ ޖެހިފައިވާކަމަށާއި، އޭނާގެ ފުރަމޭގެ 75 އިންސައްތަ ވަނީ އެ ބަލީގެ ސަބަބުން ހަލާކުވެފައި ކަން ހާމަކޮއްފިއެވެ.

މި ސިހުންގެނުވަނިވި ހަބަރު އޭނާ ހާމަކުރީ އިންޑިޔާގެ ހެލްތު މިނިސްޓްރީއާއި ޔުނިސެފުން ގުޅިގެން ކުރިއަށްގެންދާ، ހެޕަޓައިޓިސް ބީ އަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރަން ކުރިއަށްގެންދާ އިސްތިހާރެއްގެ ތެރޭގައެވެ.

ބިގް ބީ ހާމަކުރިގޮތުގައި އޭނާ ހެޕަޓައިޓިސް ބީ އާއި ހަނގުރާމަ ކުރަމުންދާތާ 20 އަހަރުދުވަސް ވެއްޖެ އެވެ. އަދި އޭނާ އެ ބަލީގެ ޝިކާރައަކަށްވީ "ކޫލީ" ގެ ޝޫޓިން ތެރޭގައި އެނާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް އޭނާގަޔަށް އެޅުނު ލޭގެ ސަބަބުންނެވެ.

އޭނާ ބުނިގޮތުގައި އޭނާގެ ހަށިގަނޑަށް 200 ޑޯނަރުންގެ ހަށިގަނޑުން 60 ފުޅީގެ ލޭ އެޅުނުއިރު އޭގެން އެއް ޑޯނަރު އެއީ ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހެކެވެ. ހެޕަޓައިޓިސް ބީ "ޑިޓެކްޓް" ކުރެވުނީ އަމީތާބް ހަށިގަނޑަށް ލޭ އެޅިތާ އެންމެ ތިން މަސް ކުރިންނެވެ. އެހެންކަމުން އޭރު ޑޯނަރުންގެ ލޭ ޓެސްޓުކުރާއިރު ހެޕަޓައިޓިސް ބީ އަކަށް ސްކްރީނެއް ނުކުރެވެއެވެ.

އަމީތާބް ބުނިގޮތުގައި އޭނާ އަށް ހެޕަޓައިޓިސް ބީ ޖެހިފައިވާކަން އެންގުނީ އެ ހާދިސާގެ 18 އަހަރު ފަހުން، 2000 ވަނަ އަހަރު ބޮޑީ ޗެކަޕެއް ހެދުމުގެ ތެރޭގައެވެ.

ޑޮކްޓަރުން ބުނިގޮތުގައި އޭނާގެ ފުރަމޭ ހުރީ އިންފެކްޓް ވެފައެވެ. 75 އިންސައްތަ ހުރީ ހަލާކުވެފައެވެ. ސަލާމަތުން ހުރީ ހަމައެކަނި 25 އިންސައްތަ އެވެ.

އެންމެ ފަހުގެ ޑަބްލިއު.އެޗް.އޯ ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހެޕްޓައިޓިސް ބީ ގެ ސަބަބުން ދުނިޔޭން ކޮންމެ އަހަރަކު 1.4 މިލިއަން މީހުން މަރުވެއެވެ. އާބާދީބޮޑު އިންޑިޔާގައި ހެޕްޓައިޓިސް ބީ ޖެހިފައިވާ މީހުންގެ އަދަދު 40 މިލިއަނަށް އަރައެވެ.

އަަމީތާބަކީ ހެޕަޓައިޓިސް ބީ އާއި ދެކޮޅަށް އިންޑިޔާ ސަރުކާރު ކުރިއަށް ގެންދާ ކެމްޕެއިންގެ އެމްބެސެޑަރެވެ. އޭނާގެ އާދޭހަކީ ކޮންމެ ބެލެނިވެރިޔަކުވެސް ކުދިން ތުއްތު އިރުގައި އަވަހަށް ހެޕަޓައިޓިސް ބީ އިން ސަލާމަތްކުރުމަށް ވެކްސިން ޖެހުމެެވެ.