24 Nov 2015, 18:31
ރާއްޖޭގައި ނުރައްކާތެރި މީހުންތަކެއް އެބަ އުޅޭ ކަމަށާއި ނުރައްކާތެރި ކަންތައްތައް ކުރަން ރާއްޖޭން ބޭރަށް އެފަދަ މީހުން ދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކާއި ބައެއް ކައުންސިލަރުން، ވެރިކަން ކުރާ ޕީޕީއެމްއާ ގުޅުމަށް ސްޓެލްކޯ މާލަމްގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަހަކަށް އައިސް ރާއްޖެއަށް އައިސްގެން އުޅޭ އިންސާނިއްޔަތުކަން ކުޑަ އަމަލުތަކުން ދިވެހިން ސަލާމަތްވާން ޖެހޭ ކަމަށެވެ.
"...މިކަހަލަ މަސައްކަތްކުރުމުގެ އެންމެ އިސް ޒިންމާއެއް އުފުލަން ޖެހެނީ އެވަގުތު ދައުލަތް ހަވާލުވެ ތިބި ބަޔަކު.އެހެންވީމާ މި މަސައްކަތްތައް އަޅުގަނޑުމެން މިކުރަނީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނަށް ވެސް ، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނާ އެކީ މިކަމަށް ވަކާލާތުކުރައްވައި، ވޯޓް ދެއްވާ ބޭފުޅުންނަށް ވެސް، ހަމަ ނަފުސުތަކަށް ފުރާނަ ތަކަށް ގެއްލުން ވެދާނެ ކަމަށް ހީކޮށް ތިބެމެ. އެހެން ނަމަވެސް ނުރައްކާތެރި މީހުން ތަކެއް ދިވެހި މުޖުތަމައުގައި އެބައުޅޭ،" ރައީސް ވިދާޅުވިއެވެ.
އެކަހަލަ މީހުން ރާއްޖެއަށް އެނބުރި އައިމާ އެމީހުންނަށް މަރުހަބާ ކިޔަން ވާނެ ކަމަށާއި އެހެން ނަމަވެސް އެއީ ބެލެހެއްޓެން ޖެހޭނެ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެފަދަ ކަންކަމާ ބެހޭ ބިލުތައް މަޖިލީހަށް ފޮނުއްވަނީ މައުސޫމު މީހުންގެ ހައްގުތައް ހަނިކުރަން ނޫން ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވިއެވެ. ނަމަވެސް އެއީ ބޮޑެތި ކުށްވެރިން ނުވަތަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ގާބިލުކަން ހޯދާފައިވާ މީހުންގެ ފަރާތުން މުޖުތަމައު ސަލާމާތް ކުރަން ކުރައްވާ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިރާއިން ސަރުކާރަށް އެންމެ މެމްބަރަކު އިތުރުވާ އިތުރުވުމަކީ ވެސް އެމަނިކުފާނު ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ.
އެކި އެކި ކުށްތައް ކުރާ މީހުންނަށް އަދަބު ދެއްވާނެ ކަމަށް މިއަދުގެ ޖަލްސާގައި ރައީސް ވަރަށް ބާރު ލައްވާފައި ވިދާޅުވިއެވެ.
"...މީހަކު ކުރާ ކުށެއްގެ އަދަބު އެމީހަކަށް މިސަރުކާރުގައި ނުލިބިދާނެ ގޮތަކީ އެއީ ނެތް ގޮތެއް،" ރައީސް ޔާމީނު ވިދާޅުވި އެވެ.