24 Nov 2015, 14:32
ސީރިޔާގެ ބޯޑަރު މަތިން ދަތުރުކޮށްފައި ދިޔަ ރަޝިއާގެ ހަނގުރާމަވެރި ޖެޓެއް ތުރުކީ އިން ހަމަލާދީ މިއަދު ވައްޓާލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުން ޖެޓު ވެއްޓިފައި ވަނީ ސީރިޔާގެ ޔަމަދީ ނަމަކަށް ކިޔާ އަވަށެއްގެ ކައިރިއަށެވެ.
ތުރުކީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމުގެ އަސްކަރިއްޔާއިން ރަޝިއާގެ ޖެޓު ވައްޓާލައިފައި ވަނީ ތުރުކީގެ ވައިގެ ސަރަހައްދަށް ހުއްދަ ނެތި ވަނުމުންނެވެ. އަދި ޖެޓު ވައްޓާލުމުގެ ކުރިން އިންޒާރު ދީފައިވާނެ ކަމަށް ވެސް އޮފިޝަލަކު ވިދާޅުވި އެވެ.
އެ ހަމަލާގައި ވެއްޓިފައި ވަނީ ރަޝިއާގެ އެސްޔޫ-24 ޖެޓެއް ކަމަށާއި، ބޯޓު ވެއްޓިފައި ވަނީ ބިމުން ދިން ހަމަލާ އަކުންކަން ޔަގީންވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާ އިން ވަނީ ބުނެފައި އެވެ.
މަންޒަރު ދުށް މީހުން ބުނީ ބޯޓު ވެއްޓުމުގެ ކުރިން ދެ ޕައިލަޓުން ވައިކުޑަ އަޅައިގެން ބޯޓުން ފުއްމާލިތަން ފެނިފައިވާ ކަމަށެވެ. އަދި ބޯޓު ވެއްޓުނީ އެ އަވަށުގައި ހަދާފައި ހުރި ޓެންޓުތަކެއްގެ މައްޗަށް ކަމަށާއި، މިހާރު އެ ސަރަހައްދުން ދުން އަރަމުންދާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
ރަޝިއާގެ ބޯޓުތައް ތުރުކީގެ ވައިގެ ސަރަހައްދަށް ހުއްދަ ހޯދުމަކާ ނުލާ ވަންނަ ކަމަށް ބުނެ ތުރުކީއިން މީގެ ކުރިންވެސް ވަނީ ޝަކުވާ ކޮށްފައެވެ.
މައުލޫމާތު: އަލްޖަޒީރާ އަދި ރޮއިޓާސް