ދުވާލަކު އަށް ގަޑީއިރަށްވުރެ ގިނައިން މަސައްކަތްކުރުމަކީ ހިތްހުއްޓުމުގެ ނުރައްކާ ނުވަތަ ހާޓްއެޓޭކް ޖެހުމުގެ ފުރްސަތު ބޮޑުވެގެންދާ ކަމެއްކަމަށް އިނގިރޭސިވިލާތުގައި ދާދިފަހުން ކުރި ޢިލްމީ ދިރާސާއަކުން ހާމަވެއްޖެވެ.

އިނގިރޭސިވިލާތުގެ މެޑިކަލް ރީސާޗް ކައުންސިލްގެ ޚަރަދުގައި، ތަޖްރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރި މިދިރާސާއިން ހާމަވާގޮތުގައި ރެއަކާދުވާލު 8 ގަޑީއިރަށްވުރެ ގިނައިން މަސައްކަތްކުރާ މީހުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރްސަތު 8 ގަޑީއިރު މަސައްކަތްކުރާ މީހުންނަށްވުރެ 67 އިންސައްތަ ބޮޑެވެ.

7 ހާސް މުވައްޒަފުން ބައިވެރިކޮށްގެން ކުރި މިދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރ މީކާ ކިވިމާކީ ވިދާޅުވިގޮތުގައި މި ދިރާސާގެ ނަތީޖާއަކީ އާދަޔާ ޚިލާފަށް ބުރަކޮށް ދިގުވަގުތުގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އިންޒާރެކެވެ. މިދިރާސާގައި ޝާމިލްވި ފަރާތްތަކުގެ ކިބައިން އެންމެ ބޮޑަށް ސާފުކުރި ކަމަކީ އެމީހުން މަސައްކަތްކުރާ ގަޑިތަކުގެ ޢަދަދެވެ.

މިދިރާސާގައި ހިމެނުނު މީހުންގެ ތެރެއިން ދިގުވަގުތުތަކުގައި މަސައްކަތްކުރާކަން ފާހަގަކުރެވުނު 192 މީހުންނަށް ހިތުގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު މީގައި ހިމެނުނު ދިގުވަގުތުތަކުގައި މަސައްކަތްނުކުރާ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވެފައިވާ ނިސްބަތް ވަރަށް ކުޑަކަން މިދިރާސާގެ ނަތީޖާއިން ހާމަވެފައިވެއެވެ.

ދިގުވަތުތުތަކުގައި މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާ އެހެން ސިއްހީ މައްސަލަތަކުގެ ތެރޭގައި ލޭ މައްޗަށް ދިޔުމާއި ހިތާއި ނާރުތަކާގުޅިފައިވާ ތަފާތު ބަލިތައް ހިމެނޭކަން މިދިރާސާއިން ހާމަވެފައިވެއެވެ.

މިދިރާސާ ކުރުމުގައި ޙަރަކާތްތެރިވި ތަޖްރިބާކާރުންގެ ޓީމުން ނަސީޙަތްދެނީ އާންމުގޮތެއްގައި ރެއަކާދުވާލުގެ ތެރޭގައި 8 ގަޑީއިރަށްވުރެ ގިނައިން މަސައްކަތުގައި ނޫޅުމަށެވެ. އަދި މަސައްކަތް ކުރުމަށް ސިއްޙީ ގޮތުން އެންމެ ރަނގަޅު ގަޑިތަކަކީ ހެނދުނު 9 ން ހަވީރު 5 އަށް ކަމަށްވެސް ތަޖްރިބާކާރުންގެ މިޓީމުން ބުނެއެވެ. (ބީ.ބީ.ސީ)