21 Apr 2010, 16:18
19:00
ސ. ހުޅުދޫ ގްރޫޕަކުން މީދޫ އަށް ގޮސް އެ ރަށުގެ މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި މައްސަލައިގައި ކުޑަ ކުއްޖަކާއި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ސ. ގަން ޕޮލިސް ސްޓޭޝަނުން ބުނީ ހޯމަ ދުވަހުގެ ރޭ 8:30 ހާކަންހާއިރު މީދޫ ފިހާރައެއް ކައިރީގައި ހުރި ޒުވާނަކަށް ހުޅުދޫ ގްރޫޕެއްގެ ބަޔަކު ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އަތަށާއި މޫނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހުޅުދޫމީދޫ ސިއްހީ މަރުކަޒުން ފަރުވާދީފައިވާ ކަމަށެވެ.
ގަން ޕޮލިސް ސްޓޭޝަނުން ބުނީ މި ހާދިސާއާ ގުޅިގެން މާރާމާރީ ހިންގި ކަމަށް ބެލެވޭ އަށް މީހުންގެ ތެރެއިން ކުޑަ ކުއްޖަކާއި އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ސްޓޭޝަނުން ބުނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ މީގެ ކުރިން ވެސް ކުށުގެ ތަފާތު ރެކޯޑްތަކެއް އޮތް މީހުން ކަމަށް ވެސް އެ ސްޓޭޝަނުން ބުނެ އެވެ.
މި ހާދިސާގެ އިތުރަށް މީދޫގައި ބިދޭސީއެއް އުޅޭ ގެއަކަށް ވެސް ހަތަރު މީހުންގެ ގްރޫޕެއް ރޭ ވަދެ މާރާމާރީ ހިންގަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ގަން ޕޮލިސް ސްޓޭޝަނުން ބުނެ އެވެ. ނަމަވެސް ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ހަތަރު މީހުން ވަނުމާއެކު ބިދޭސީ މީހާ ފިލީ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.
ގަން ޕޮލިސް ސްޓޭޝަނުން ބުނީ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ މީހުންގެ އަތުން ބިދޭސީ މީހާގެ ފޯނު ވެސް ފެނިފައިވާ ކަމަށެވެ.