24 Nov 2015, 13:02
ޖަމާލުއްދީން ސްކޫލް ކައިރީ އިސްކަންދަރު މަގުގައި ހުންނަ ކޫލް ލައިންގެ އޮފީސް ފަޅާލައި 80،000 އަށް ވުރެ ގިނަ ރުފިޔާ ހުރި ތިޖޫރިއެއް ވަގަށް ނަގައިފި އެވެ.
ކޫލް ލައިންގެ ވެރިޔާ ހަސަން ރަޝީދު ސަން އަށް ވިދާޅުވީ އެތަން ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު 6:00 ގައި އޮފީހަށް ދިޔުމުން ކަމަށެވެ.
ހަސަން ވިދާޅުވީ އެ ތަނުގައި ދެ ތިޖޫރިހުރި ކަމަށާއި އޭގެ ތެރެއިން ފައިސާ ހުރި ތިޖޫރީ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
ވަގަށް ގެންދިޔަ ތިޖޫރީގައި 80،000 ދިވެހި ރުފިޔާ އާއި 2000 ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ހުރިހާ ފައިސާ އަށް ބަލާއިރު ލައްކައެއްހާ ރުފިޔާ މުޅި ޖުމްލަވާނެހެން އަޅުގަނޑަށް ހީވަނީ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ އޮފީހަށް ވެސް ފުލުހުންގެ ތަހުގީގު ޓީމެއް މިއަދު ދިޔަ ކަމަށެވެ.
"ފުލުހުން މިހާރު އެގެންދަވަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" ހަސަން ރަޝީދު ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.
ކޫލްލައިނަކީ އެއާކޯން ހަރުކޮށްދިނުމާއި މަރާމާތުކޮށްދިނުމުގެ މަސައްކަތް ކުރާ ތަނެކެވެ.