ސްކޫލުތަކުގެ ކިޔެވުން ނިންމުމަށް ފަހު މަތީ ތައުލީމު ހާސިލު ކުރުމަށް ތައްޔާރުވާ ދަރިވަރުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މި އަހަރު 436 ދަރިވަރަކަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން މިއަދު ދެއްވި ހިޠާބުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން ގިނަ ދަރިވަރުންތަކަކަށް ތައުލީމު ހާސިލުކޮށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ މަތީ ތައުލީމަށް ސަރުކާރުން ހުޅުވި ފުރުސަތުތަކުގެ ތެރޭގައި ލޯން ސުކީމް އާއި ސްކޮލާޝިޕްތައް ހިމެނޭ ކަމަށެވެ.

އެގޮތުން މި އަހަރު ސަރުކާރުން ވަނީ 310 ދަރިވަރަކަށް ލޯނު ދޫކޮށްފަ އެވެ. އެއީ ރާއްޖޭގައި ކުރިއަށް ގެންދާ ކޯސްތަކުގެ ތެރެއިން އަލަށް ކިޔަވަން ފަށާ 152 ދަރިވަރަކަށް ވަނީ ކޯސް ލިބިފަ އެވެ.

ރާއްޖެ އިން ބޭރުގައި ކިޔެވުމަށް ހުޅުވާލި ލޯން ސުކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ 79 ދަރިވަކަށް ވަނީ ލޯނު ލިބިފަ އެވެ.

މިހާރު ކޯސްތަކުގައި ބައިވެރި ވެގެން ކިޔަވަމުން ދާ ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް ހުޅުވާލި ލޯން ސުކީމުން 58 ދަރިވަރަކު ވަނީ ހޮވިފަ އެވެ. އަދި ރާއްޖެ އިން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ލޯންއަށް އެދުނު ދަރިވަރުންގެ ތެރެއިން 19 ދަރިވަރެއް ވަނީ ހޮވިފަ އެވެ.

މި އަހަރު މިނިސްޓްރީ އިން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހިޠާބުގައި ވިދާޅުވީ ތައުލީމީ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ސަރުކާރުން 432 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މުދައްރިސުންގެ މަގާމުގެ އާ އޮނިގަނޑެއް އެކުލަވާލައި، މުދައްރިސުންގެ މުސާރައަށް ވަނީ ހެޔޮ ބަދަލެއް ސަރުކާރުން ގެންނަވާފައި. އަދި މުދައްރިސުންގެ މަގާމުގެ އާ އޮނިގަނޑުގައި، މުދައްރިސްކަމުގެ އެންމެ އަސާސީ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަން ކަނޑައަޅައި، ޚިދުމަތުގައި ތިއްބެވި 1،100 އަށް ވުރެ ގިނަ މުދައްރިސުން ވަނީ ޑިޕްލޮމާ ފެންވަރަށް ތަމްރީނުކުރުމުގެ މަގުމަތީގައި މިއީ ފެންވަރު ރަގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރެވުނު މުހިއްމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.