06 Apr 2011, 09:17
ރޯމް : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަމުގެ ނިޒާމާ އެންމެ ގާތްގުޅުންތަކެއް ބާއްވަމުން ގެންދިޔަ އިޓަލީވެސް ގައްޒާފީ ދޫކޮށްލުމަށްފަހު ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް އިޢްތިރާފް ވެއްޖެވެ.
އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޢަލީ އަލްޢީސާވީ އާ ރޯމްގައި ބައްދަލުކުރައްވަމުން އިޓަލީގެ ޚާރިޖީ ވަޒީރު ފްރަންކޯ ފްރަޓީނީ ވިދާޅުވީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ހަމައެކަނި ފަރާތަކީ އެޤައުމުގެ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިންތިޤާލީ މަޖިލިސް ކަމަށާއި ގައްޒާފީގެ ވެރިކަމުގެ ޝަރްޢިއްޔަތު މިހާރު ގެއްލިފައިވާ ކަމުގައެވެ.
ގައްޒާފީގެ ސަލާމަތީ ބާރުތަކާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ލީބިޔާ މިހާރުއޮތް ޙާލަތުން ސަލާމަތްވުމަށް ގައްޒާފީ ހުށަހަޅުއްވަމުން ގެންދަވާ ހުށަހެޅުމަކީ އިތުބާރު ގެއްލިފައިވާ ހުށަހެޅުމެއްކަމަށާއި އިޓަލީން އެހުށަހެޅުން ޤަބޫލުނުކުރާ ކަމަށްވެސް އިޓަލީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ގައްޒާފީގެ ވެރިކަމުގެ ދާއިރާ ހަނިވެ ވެރިކަން ވެރިކަން ދެމެހެއްޓޭނެ ކަމުގެ ބިރު ކުރިމަތިވުމާ ގުޅިގެން ގައްޒާފީވަނީ ސުލްޙައިގެ ހުށަހެޅުމަކާއެކު އޭނާގެ މަންދޫބަކު ޔޫރަޕްގެ ބައެއް ޤައުމުތަކަށް ފޮނުއްވާފައެވެ. ސުލްޙައިގެ ހުށަހެޅުންތަކާއެކު ގައްޒާފީ ފޮނުއްވި މަންދޫބަށް މަރްޙަބާ ކިޔާފައިވަނީ ތުރުކީގެ އިތުރުން ގްރީސްއާއި ކުޑަ ޤައުމެއް ކަމަށްވާ މޯލްޓާއިންނެވެ.
ގައްޒާފީގެ ހުށަހެޅުމުގައިވަނީ އޭނާ ލީބިޔާގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ދެމިހުންނެވޭ ގޮތަށް ލީބިޔާއަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމެވެ. ގައްޒާފީގެ ވެރިކަން ދެމެހެއްޓޭގޮތަށް ލީބިޔާއަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށާއި މިހާރު ކުރިަށްދާ ޙަމަލާތައް ވަގުތުން ހުއްޓާލުމާބެހޭގޮތުން އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދައްކަން ބޭނުންވާ ކަމާއި މިކަމުގައި ޔޫރަޕް މެދުވެރިއެއްގެ ބައިއަދާކުރުމަށް ގައްޒާފީގެ މަންދޫބު، އޭނާ ޒިޔާރަތް ކުރެއްވި ޤައުމުތަކުގެ ސަރުކާރުތަކަށް ހުށަހެޅުއްވި ކަމަށް ޚަބަރުތައް ބުނެއެވެ.
ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުންވަނީ ގައްޒާފީ ލީބިޔާގެ ވެރިކަމުގައި އެންމެ ސިކުންތަކަށްވެސް ހުންނެވުން ޤަބޫލުނުކުރާނެ ކަމަށާއި، ގައްޒާފީގެ ސަރުކާރާއެކު އެއްވެސް ބާވަތެއްގެ ވާހަކައެއް ނުދައްކާނެކަމަށް ބުނެފައެވެ.
އިޓަލީގެ އިތުރުން ފަރަންސޭސިވިލާތާއި ޤަތަރާއި ޔޫ.އޭ.އީ ވެސް ވަނީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ފަރާތަކީ އިދިކޮޅު އިންތިޤާލީ މަޖިލިސް ކަމަށް ނިންމައި އެމަޖިލީހަށް އިޢްތިރާފް ވެފައެވެ. އިނގިރޭސިވިލާތާއި ކުވައިތުންވެސް ގެންދަނީ ގައްޒާފީގެ ސަރުކާރުގެ ބަދަލުގައި މިމަޖިލީހަށް އިޢްތިރާފް ވުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސި ސަރުކާރުގެ ޑިޕްލޮމެޓިކް ވަފްދެއް މިދިޔަ އާދީއްތަ ދުވަހުވަނީ ލީބިޔާގެ އިދިކޮޅު ފަރާތްތަކުގެ މަރުކަޒުކަމަށްވާ ބެންޣާޒީއަށް ޒިޔާރަތްކޮށް އިންތިޤާލީ މަޖިލީހުގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. (ބީ.ބީ.ސީ+އަލްޖަޒީރާ)