ވޮޝިންޓަން (ނޮވެމްބަރ 24) :ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ ޓެރަރިސްޓް ހަމަލާތައް އިތުރުވުމުގެ ސަބަބުން ކަމަށް ބުނެ އިއްޔެ ޔޫއެސް ސްޓޭޓް ޑިޕާޓްމެންޓުން އެގައުމުގެ ރައްޔިތުންނަށް ބައިނަލްއަގުވާމީ ޓުރެވެލް އެލާޓެއް ނެރެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައި އެގައުމުގެ ރައްޔިތުން ދަތުރުކުރުން މަނާކޮށްފައި ނުވެ އެވެ. ނަމަވެސް ހުރިހާ ރައްޔިތުން ރައްކާވެ ތިބުމަށް އަންގާފައިވެ އެވެ. ހާއްސަކޮށް މީހުން ގިނަ ސަރަހައްދުތަކުގައި ސަމާލުވެ ތިބުމަށް އިލްތިމާޒް ކޮށްފައިވެ އެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުން ލަފާކުރެވެނީ އައިއެސް އާއި އަލްގައިދާ އާއި ބޯކޯ ހަރާމް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން ދަނީ [ދުނިޔޭގެ] އެކި ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް ރާވަމުން ކަމަށް،" ޔޫއެސް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.

އެ އެލާޓް މިއަންނަ އަހަރުގެ ފެބްރުއަރީ އާ ހަމައަށް އޮންނާނެ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.

ޕެރިހަށް ނޮވެމްބަރު 13ގައި ދިން ހަމަލާތަކާއި މާލީގެ ހޮޓަލަކަށް މިދިޔަ ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެ ދެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. އަދި ބެލްޖިއަމްގެ ވެރި ރަށް ބްރަސެލްސްގައި ވަނީ ސަލާމަތީ ހާލަތު އެންމެ މައްޗަށް ޖައްސާފައި އެވެ.

މައުލޫމާތު: ބީބީސީ