އުރީދޫ ދިވެހި ޕްރިމިއާލީގު މިހާރު މުހިންމު ހިސާބެއްގައި ވަނިކޮށް މާޒިޔާގެ ކުޅުންތެރިންނަށް އަންނަ ސީޒަނަށް ޓްރާންސްފާ ހުށަހަޅާތީ އެ ޓީމުގެ ކޯޗު އަލީ ސުޒޭން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ލީގްގެ މުހިންމު ހިސާބެއްގައި ވަނިކޮށް އަންނަ ސީޒަންގެ ޓްރާންސްފާގެ ވާހަކަތައް މާޒިޔާގެ ބައެއް ކުޅުންތެރިންނަށް ރާއްޖޭގެ ލީޑް ކުރާ ކްލަބުތަގެ ވެރިންގެ ފަރާތުން ހުށަހަޅައި ކުޅުންތެރިންގެ ސަމާލުކަން ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ލީޑް ކުރާ ކްލަބުތަކުގެ ވެރިން އެކަން ހުއްޓާލަން ޖެހޭ ކަމަށް ވެސް ސުޒޭން ބުންޏެވެ.

އަންނަ ސީޒަންނަށް މާޒިޔާއަށް ކުޅުންތެރިން ގެނައުމަށް ވާހަކަ ނުދައްކަންތޯ ސުވާލު ކުރުމުން ސުޒޭން ބުނީ އަންނަ އަހަރުގެ ތައްޔާރީތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ލީގާ މެދު ވިސްނުން މިދަނޑިވަޅުގައިމާ ރަނގަޅު ކަމަށެވެ.

"އެންޑީ [އަމްދާން ޢަލީ] މެން ކަހަލަ ކުޅުންތެރިޔެއްގެ ކޮންސަންޓްރޭޝަން ގެއްލުވާލަން ބައެއް ފަހަރު ބައެއް ކުލަބުތަކުން އެބަ މަސައްކަތް ކުރޭ. މިއީ ސީޒަނެއްގެ ފަހުކޮޅަށްދާ އިރު ދިމާވެފައި ހުރި ކަންތައްތައް. އެހެންނަމަވެސް މިއީ ރާއްޖޭގެ ލީޑް ކުރާ ކްލަބުތަކުގެ ވެރިން ހުއްޓާލަން ޖެހޭ ކަމެއް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މާޒިޔާގައި މިހާރު ތިބި ކުޅުންތެރިންނަށް އެ ކްލަބުން ހުށަހެޅުމެއް ނާންނަހާ ހިނދަކު މެނުވީ އެހެން ކުލަބަކަށް ނުދާނެ ކަމަށާއި އަދި މެނޭޖުމެންޓާ ކުޅުންތެރިންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެކުޅުންތެރިން ގާތު ސޮއިކުރާ ވާހަކަ ނުދެއްކި ނަމަވެސް އެކުޅުންތެރިންނަށް އެމީހުންނަކީ ކިހާ މުހިންމު ބައެއްކަން އޭނގޭނެ ކަމަށެވެ.

އެއަށް ވުރެ މާޒިޔާގެ މެނޭޖުމެންޓާ ކުޅުންތެރިންނާ އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށް ސުޒޭން ބުންޏެވެ.