އަންނަ ޖެނުއަރީ މަހުގެ 13ގައި ކިޔެވުން ފެށުމަށް ހަމަޖެއްސުމަށް ފަހު ދިރާސީ އަހަރުގެ ކިޔެވުން ރަސްމީކޮށް ނިންމާލައިފި އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީގެ 11 ގައެވެ. އަހަރުގެ ބޮޑު ޗުއްޓީއަށް ސްކޫލުތައް ބަންދުކުރާ އިރު މިހާރު ވެސް ގިނަ ސްކޫލުތަކުން އަންނަނީ ރިޕޯޓު ފޯމުތައް ހަވާލުކުރަމުންނެވެ.

އަންނަ އަހަރު ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައި ވަނީ 200 ދުވަހެވެ. އެއީ މިއަހަރަށް ވުރެ ދެ ދުވަސް މަދު އަދަދެކެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމު ކިޔެވުން ޖޫން 9 ވަނަ ދުވަހު ނިމޭ އިރު އެ ޓާމުގައި ކިޔަވާނީ 101 ދުވަހު އެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ޖޫން 19ގައި ފަށާ އިރު އެ ޓާމުގައި ކިޔަވާނީ 99 ދުވަހު އެވެ.

މި އަހަރު ދަރިވަރުން ކިޔަވާފައި ވަނީ ޖުމްލަ 202 ދުވަހު އެވެ. އެއީ ފުރަތަމަ ޓާމުގެ 99 ދުވަހާއި ދެވަނަ ޓާމުގައި 103 ދުވަހެވެ.

ގިނަ ސްކޫލުތަކުން ބުނެފައި ވަނީ ހަވީރުގެ ކުރިން ދަރިވަރުންނަށް ރިޕޯޓްފޯމުތައް ހަވާލުކޮށް އެއްކޮށް ނިމޭނެ ކަމަށެވެ.

މިއަދު ސްކޫލު ބަންދުކުރުމާ އެކު ދަރިވަރުންނަށް 50 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އެގޮތުން ދިރާސީ އަހަރުގެ ކަލަންޑަރަށް ބަލާއިރު ޓިޗަރުންގެ މަސައްކަތްތައް ރަނގަޅުކޮށް އިތުރަށް ހިޔާލުތައް ހޯދުމަށްޓަކައި ހުރިހާ ސްކޫލެއްގައި މިއަހަރު ތިން ޓީޗާސް ޑިވެލޮޕްމެންޓް ދުވަސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މާލޭގެ 10 ސްކޫލެއްގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމް ވަނީ މިއަހަރު ރާއްޖޭގެ ޖުމްލަ 157 ސްކޫލެއްގައި އިމްޕްލިމްލިމެންޓް ކޮށްފަ އެވެ. މިނިސްޓްރީ އިން ބުނެފައި ވަނީ އެއީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ދަސްވާރު ޕްރޮގްރާމުގެ ދެވަނަ ބެޗުގެ 168 ދަރިވަރުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަސްވެނިވެފަ އެވެ.

ދަސްވާރު ޕްރޮގްރާމުގެ ދަސްވެނިންނަށް ސެޓްފިކޭޓް ހަވާލު ކުރުމަށް އާދިއްތަ ދުވަހުގެރޭ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފައިލް ފޮޓޯ

ދަސްވާރު ޕްރޮގްރާމުގެ ކުދިންނަށް އެކި ދާއިރާތަކުން އަމަލީ ތަމްރީން ދޭއިރު ދަސްވާރު ޕްރޮގްރާމުގެ 50 ޕަސެންޓު ދަރިވަރުން މިހާރު ތިބީ ވަޒީފާތަކުގަ އެވެ.

އަންނަ އަހަރުގެ ސްކޫލުތަކުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ގްރޭޑް އެކަކަށް ވަންނަ ކުދިންގެ ހާލަތު ބެލުމަށް ވަނީ "އާލީ ރިސްކް އެސެސްމެންޓް" އެއް ހެދުމަށް ހަމަޖެހިފަ އެވެ.

"ދަރިވަރުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަތުމަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެސެސްމެންޓުގެ ސަބަބުން ސްކޫލުގެ މާހައުލުގެ ތެރެއިން ދަރިވަރަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެވޭނެ. އެ މައުލޫމާތުތަކުގެ ސަބަބުން ސްކޫލު ސިސްޓަމްގެ ތެރޭގައި އެ ކުދިންނަށް އެހީތެރިވެވިދާނެ ގޮތްތައް އެބަހުރި،" ދަސްވާރު ޕްރޮގްރާމް އާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރަބި މީޑިއަމް ސްކޫލުތަކެއް ހުޅުވުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ އަހަރު ކުޅުދުއްފުށީގައި އަރަބި މީޑިއަމް ސްކޫލެއް ހުޅުވާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

"އަރަބި މީޑިއަމްގެ ގިނަ ސްކޫލުތަކެއް ހުޅުވުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުން. އެއާ ގުޅިގެން މިހާރު ވެސް ދެ ސްކޫލެއް ވަނީ ހުޅުވާފައި. އެގޮތުން މާލޭގައި އަރަބިއްޔާ ހުޅުވާފައިވާއިރު އައްޑޫގައި މިއަހަރު ވަނީ އަރަބި މީޑިއަމަށް ކިޔަވައިދިނުމަށް ނޫރާނީ ސްކޫލު ހުޅުވާފައި،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އޯލެވެލް އިމްތިހާންތައް ހަދާނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެހެން ކަމުން އޯލެވެލް ނިންމުމަށްފަހު އޭލެވެލް އަށް ކިިޔަވަން ފެށުމާ ދޭތެރޭ ބޮޑު ޗުއްޓީއެއް ހޭދަވެ އެވެ. އެއާ ގުޅިގެން އަންނަ އަހަރުން ފެށިގެން އެހެން ގްރޭޑުތަކާ "ގާތްގަނޑަކަށް" އެކީ އޭލެވްލްގެ ކިޔެވުން ފެށުމަށް ވެސް ވަނީ މިނިސްޓްރީ އިން ހަމަ ޖައްސާފަ އެވެ. އެހެން ކަމުން އޭލެވް އިމްތިހާން ވެސް އަންނަ އަހަރުން ފެށިގެން ކުރިއަށް ގެންދާނީ ނޮވެމްބަރު ހިސާބުގަ އެވެ.

އޭލެވެލް އިމްތިހާނު އޮކްޓޯބަރު/ނޮވެމްބަރުގައި ހަދާ ގޮތަށް ހަމަޖެއްސުމަށް ޕިއާސަން އާ ދެމެދު އެއްބަސްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

އާއިޝަތު ޝިހާމް ވިދާޅުވީ އޭލެވެލް އިމްތިހާން ސީރީޒް ފުރަތަމަ ހަދާނީ އަންނަ އަހަރު ގްރޭޑް 11 އަށް ވަންނަ ދަރިވަރުން ކަމަށެވެ.

"މި ބަދަލާ އެކު އަންނަ އަހަރު ގްރޭޑް 11 ފަށާ ދަރިވަރުން އެ ދަރިވަރުންގެ 11ގެ ކިޔެވުން އެ އަހަރު ނިންމާ އޭއެސް ލެވެލް 2016 ވަނަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި ހެދުމުގެ ފުރުޞަތު ދެވޭނެ. އެ ދަރިވަރުންގެ އޭލެވެލް ނިންމާ އިމްތިހާނު 2017 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު ހަދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.