މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެނާޖީން އިންތިޒާމްކޮށްގެން ރައްކާތެރިކާއެކު ކުނި ނައްތާލަން ދަސްކޮށްދޭ ޕްރޮގްރާމެއް ރ އަތޮޅުގެ ރަށްތަކަށް ހިންގައިފި އެވެ.

މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ބ. މާޅޮހުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ރ އަތޮޅުގެ ހަ ރަށަކުން 25 ފަރާތަކުން ބައިވެރިވި އެވެ.

އެ ޕްރޮގްރާމްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލުމާއި ވަކިން ޚާއްސަކޮށް ރަށުގައި އުފެދޭ ފަނާވާޒާތުގެ ކުނި ބޭނުން ކޮށްގެން ކޮމްޕޯސްޓް ކުރުމާއި ބެހޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތުދީފަ އެވެ. އަދި ކޮމްޕޯސްޓް ކުރުމުގެ އަމަލީ ތަޖުރިބާ ބައިވެރިން ވަނީ ބ.މާޅޮހު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހޯދާފައެވެ.

ރައްކާތެރިކަމާއެކު ކުނި ނައްތާލަން ދަސްކޮށްދޭ ޕްރޮގްރާމް ބ. މާޅޮހުގައި ކުރިއަށް ގެންދަނީ-- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

މީގެ އިތުރުން އިތުރު ތަޖުރިބާ ހޯދުމަށް ޕްރޮގްރާމްގެ ބައިވެރިވި ބައެއް ރަށްރަށުގެ ބައިވެރިން ވަނީ ރ. އަތޮޅު ކިނޮޅޮހަށް ޒިޔާރަތްކޮށްފައެވެ. ބައިވެރިންނަށް އިރުޝާދު ދެއްވީ އެންވަޔަރަންމެންޓް މިނިސްޓްރީގެ ކަމާއި ބެހޭ ބޭފުޅުންނާއި ބ.މާޅޮހު ކައުންސިލުގެ މެންބަރުންނެވެ.

އެ ޕްރޮގްރާމް އަކީ މޯލްޑިވްސް އެންވަޔަރަންމެންޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.