ހާޑްވެއާގެ ދާއިރާގައި ކުރިއެރުން ތަކެއް ހޯދަމުން އަންނަ ވެލިގާ ހާޑްވެއާގެ ނަމުގައި ހުޅުވާ ހަތަރު ވަނަ ފިހާރަ މިރޭ މަޖީދީމަގުގައި ހުޅުވައިފިއެވެ.

މައިގަނޑު ދެ ބަޔަކަށް ބެހިފައިވާ އެ ފިހާރަ މަޖީދީ މަގުގެ މ. ޖޭމުގޭގައި މިރޭ ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އައްބާސް މުހައްމަދު ވިދާޅުވީ މަޖީދީ މަގުގައި ފިހާރައެއް ހުޅުވަން މި ޖެހުނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހައިން މުދާ ލިބޭނެ ގޮތެއް ހެދުމަށްޓަކައި ކަމަށާއި ފެންވަރު ރަނގަޅުކޮށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތެއް ކަސްޓަމަރުން ހައްދަވައި ދެއްވުމަށް ކަމަށެވެ.

"ވެލިގާ ހާޑްވެއާ މައިގަނޑު ގޮތެއްގައި ބެހިގެން ދަނީ ދެ ބަޔަކަށް. ގުރައުންޑް ފޮލޯ ހާއްސަވެގެން ދަނީ މަސައްކަތްތެރިންނަށް. ޖެނެރަލް ހާޑްވެއާގެ ސާމާނު އެއްތާކުން ލިބޭނެ ގޮތަކަށް. ފަސްޓް ފުލޯ ހާއްސަ ވެގެން ދާނީ އަޅުގަނޑުމެންގެ ފީޗާޑް ޕްރޮޑަކްޓްސް ހިމެނޭ ޝޯރޫމެއްގެ ގޮތުގައި،" އައްބާސް ވިދާޅުވިއެވެ.

ވެލިގާ ހާޑުވެއާގެ ހަތަރު ވަނަ ފިހާރަ ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ފިހާރައިން ލިބޭ ފީޗާޑް ޕްރޮޑަކްޓްސް ތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑް ތަކަކީ ވެއާރިޗް ބްރޭންޑްގެ ފާހާނާގެ ސާމާނު، ޓިއޯއީ ބްރޭންޑްގެ ކުލައާއި ދަވާދު، މަކިޓާ ބްރޭންޑްގެ ކަރަންޓް ސާމާނު ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ސިނާއި ދާއިރާތަކަށް ތަކެއްޗާއި ހިދުމަތް ފޯރުކޮށް ދެމުން އަންނަ ވެލިގާއަކީ 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ހަތަރު ވަނި ފިހާރަ މިރޭ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން އަހްމަދު އަބްދުﷲއެވެ.

ވެލިގާ ހާޑުވެއާގެ ހަތަރު ވަނަ ފިހާރަ ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ