އަބިޖާން : އައިވަރީ ކޯސްޓްގެ ރައީސް ކަމުގެ މުއްދަތު ހަމަވެފައިވާ ލޮރެން ބަގްބޯގެ މައްޗަށް އެޤައުމުގައި އިންތިޚާބު ކުރެވިފައިވާ ރައީސް އަލަސަން ވުތަރާ އަސްކަރީ ގޮތުން ކާމިޔާބު ހޯއްދަވައިފި ކަމަށް ޚަބަރު ލިބިއްޖެވެ.

ފަރަންސޭސި ބޮޑުވަޒީރު ފްރާންސްވާ ފިޔޯން ވިދާޅުވި ގޮތުގައި ބަގްބޯގެ ބާރުތަކުގެ އިސްދެކޮމާންޑަރަކު މިހާރު ގެންދަވަނީ ބަގްބޯ އަމާންދެއްވުމާބެހޭ ގޮތުން ވުތަރާގެ ކޮމާންޑަރުންނާ ވާހަކަ ދައްކަވަމުންނެވެ. މިވާހަކަތައް ކުރިޔަށްދަނީ އަބިޖާންގައި ހުންނަ ފަރަންސޭސި ސަފީރުގެ ގެކޮޅުގައި ކަމަށް ވެސް ފިޔޯން ވިދާޅުވިއެވެ.

ބަގްބޯގެ ޚާރިޖީ ވަޒީރު ދިޖީދްޖީ ބީ.ބީ.ސީ އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ވުތަރާގެ ބާރުތަކަށް އަމާންދިނުން ޝަރުތުކޮށް ޙަމަލާތައް ހުއްޓާލުމަށް ދެފަރާތުން މިހާރު އެއްބަސްވެފައިވާ ކަމުގައެވެ.

އަބިޖާނުން ލިބޭ ބައެއް ޚަބަރުތައް ބުނާގޮތުން ވެރިކަމުގެ މުއްދަތު ހަމަވެފައިވާ ބަގްބޯއާއި އޭނާގެ ޢާއިލާ ވަނީ ރިޔާސީ ގަނޑުވަރުގައި ޙިސާރުވެފައެވެ. އަނެއްބައި ޚަބަރުތައް ބުނާގޮތުން ބަގްބޯއާއި ޢާއިލާވަނީ ރިޔާސީ ގަނޑުވަރުދޫކުރައްވައި އަބިޖާނުގެ ކޮންމެވެސް ތަނެއްގައި ޙިސާރުވެފައެވެ. އަދި ރައީސް ކަމަށް އިންތިޚާބު ކުރެވުނު އަލަސަން ވުތަރާ ގެ ބާރުތަކުގެ އަތްދަށަށް ރިޔާސީ ގަނޑުވަރު ދިޔުމުން އޭނާވަނީ ރިޔާސީ ގަނޑުވަރަށް ވަދެ ވަޑައިގެންފައެވެ.

އިންތިޚާބު ނާކާމިޔާބުވުމާއެކުވެސް މަޤާމް ހުންނެވުމަށް ގަދަފައި ވިއްދަވާފައިވާ ބަގްބޯ ލަޝްކަރުތައް ވޭތުވެދިޔަ ދެހަފްތާތެރޭގައިވަނީ ރޫޅިފައެވެ. ނަތީޖާއެއްގެ ގޮތުން އަލްހަސަން ވުތާރާއަށް ތާއީދުކުރާ ހަނގުރާމަވެރިންވަނީ ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭގައި އައިވަރީ ކޯސްޓްގެ ބޮޑުބައެއް ހިފާފައެވެ. ދެފަރާތުގެ ދެމެދުގައި އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގި ޑިޔުކޯ ސަރަހައްދުގައި 800 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވުތަރާގެ ހަނގުރާމަވެރިން ވެރިރަށް އަބިޖާނަށް ވަންއިރު ބަގްބޯގެ ލަޝްކަރުތަކުގައި ތިބިބަޔަކު މަސައްކަތްކުރަމުން ދިޔައީ ރިޔާސީ ގަނޑުވަރު ޙިމާޔަތްކުރުމަށެވެ. އެދުވަހު ބަގްބޯ ރިޔާސީ ގަނޑުވަރުން ފިއްލަވައިގެން އަބިޖާންގެ ރައްކާތެރި ތަނަކަށް ވަޑައިގެންނެވި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެފައިވެއެވެ.
އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުންވަނީ އައިވަރީ ކޯސްޓްގެ ޝަރްޢީ ރައީސަކީ އަލްހަސަން ވުތާރާކަމަށް އިޢްތިރާފްވެފައެވެ. (ނޫސްއެޖެންސީތައް)