ފަލަސްތީން މީހުންނަށް އެ މީހުންގެ ދަރިން ބިރެއް ނެތި ބޮޑުވާ ދުވަހެއް ނުފެންނަނީސް ބައިނަލް އަގުވާމީ މުޖުތުމައުގެ މަސައްކަތް ފުރިހަމަ ނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިއަދު ފާހަގަ ކުރާ 'ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލް އަގުވާމީ ދުވަސް' ފާހަގަ ކުރުމުގެ ގޮތުން ފަލަސްތީނުގެ ރައީސަށާއި އެގައުމުގެ ރައްޔިތުންނަށް ރައީސް ޔާމީނު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ހަމަނުޖެހުމަށް ފުރިހަމަ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

"...އެމީހުންގެ ދަރީން ބިރެއް ނެތި ބޮޑުވާތަން ފަލަސްތީނު މީހުންނަށް ފެންނަ ދުވަހެއް ނާންނަނީސް އަޅުގަނޑުމެން ، ބައިނަލް އަގުވާމީ މުޖުތަމައުން ގުޅިގެން މިކުރާ މަސައްކަތް ފުރިހަމަ އެއް ނުވާނެއެވެ،" ރައީސްގެ މެސެޖްގައި ވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް، ބޭރުގެ ނުފޫޒެއް ނެތި އަމިއްލަ ޤައުމު މިނިވަންކަމާއެކީ ކުރިއަށް ގެންދާނެ ގޮތްތައް ނިންމުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ވެސް ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ފަލަސްޠީނަށް ލިބިދޭންޖެހޭ ސުލްހަވެރިކަމާއި އިންސާފު ނުލިބި އިތުރު އަހަރެއް ފާއިތުވެގެން ދިޔުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.