23 Nov 2015, 19:12
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން ވަޒީފާދީފައިވާ ޗީފް އިނިސްޕެކްޓަރު ރިޝީފް ތޯހާ އަނެއްކާވެސް ވަޒީފާއިން ވަކިކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ ރިޝީފް ދެ ވަނަ ފަހަރަށް ވަޒީފާއިން ވަކިކުރީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
އިސްމާއީލް ވިދާޅުވީ މިފަހަރު ރިޝީފް ވަޒީފާއިން ވަކިކުރީ ބ. ދަރަވަންދޫ އެއާޕޯޓުގައި އޭނާ ބިޔަރު ބުއި ކަމަށް ބުނެ، ހުށަހެޅުނު މައްސަލައާ ގުޅިގެން ކަމަށެވެ. ދަރަވަންދޫ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބިޔަރު ދަޅަކާއެކު ރިޝީފް ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރުމާ ހަމައަށް އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.
އެންމެ ފުރަތަމަ ރިޝީފް ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެފަހަރު ރިޝީފާ އެކު އިތުރު ފުލުހުންތަކެއް ވެސް ވަޒީފާއިން ވަކިކުރި އެވެ.
އެ ހުރިހާ ފުލުހުންނަށް ވެސް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެ މައްސަލާގައި ރިޝީފް ވަކިކުރުމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.
ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ލިބުނު ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެންޖެހޭ 871،000 އަށް ވުރެ ގިނަ ރުފިޔާ ރިޝީފަށް ދިނުމަށް މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.