އަތޮޅުތަކުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށާއި ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަން މަރާމާތު ކުރުމަށް 5.9 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި، ރައްޔިތުންނަށް އިތުބާރު ކުރެވޭ އަދި ރައްޔިތުންގެ މެޑިކަލް ރެކޯޑުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް އަތޮޅުތަކުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ކޮމްޕިއުޓާ ސިސްޓަމް ބަހައްޓަން ޖެހިފައިވާ ކަމަށެވެ.

"ސިއްހީ ހިދުމަތްދޭ ތަންތާނގައި އާސަންދަ ގެ ހިދުމަތް ދިނުމުގައި މެޑިކަލް ރިކޯޑުތަކާއި އަދި ޑޮކްޓަރުންގެ އެކިއެކި ބޭސްތަކަށް ޕްރެސްކްރިޕްޝަން ދިނުމާއި އިދާރީ އެތައް މަސައްކަތް ކުރުމަށްޓަކައި ރަނގަޅު އިފޮމޭޝަން ސިސްޓަމެއް އަތޮޅުތެރޭގައި ގާއިމު ކުރަން ޖެހިފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން 384 ކޮމްޕިއުޓާ ސިސްޓަމާއި 393 ޕްރިންޓަރު ހޯދުމަށް އެގްރީމަންޓުތަކުގައި މިއަދު ސޮއި ކުރެވިގެން ދިޔައެވެ.

ހަމައެއާއިއެކު ބ.ގޮއިދޫ ސިއްހީ މަރުކަޒާއި ލ.ހިތަދޫ ސިއްހީ މަރުކަޒުގެ އިތުރުން އއ.ރަސްދޫ އަތޮޅު ހޮސްޕިޓަލު މަރާމާތު ކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ބަޔަކާއި ހަވާލުކޮށްފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތްދޭ އެ ތިން ތަނުގެ މަރާމާތަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާކަމަށެވެ.

"ރައްޔިތުންނަށް ސިއްހީ މަރުކަޒުތަކުގައި އަދި ހޮސްޕިޓަލުތަކުގައި އެދެވޭ ހިދުމަތްތަކެއް ދިނުމަކީ އަޅުގަނޑުމެންގެ އުންމީދު. އަދި އަޅުގަނޑުމެން އަބަދުވެސް ކުރާ މަސަތްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި، ސިއްހީ ހިދުމަތް ދިނުމަށް ކަންތައްތަކެއް ރަނގަޅު ކުރެވިފައިވާ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އދ އަތޮޅު އަދި ރ އަތޮޅުގެ ސިއްހީ ހިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ގްރޭޑުތައް މިހާރު ބަދަލުކުރެވިފައިވާ ކަމަށެވެ.

ހަމައެއާއިއެކު، ތ.ހިރިލަންދޫ ސިއްހީ މަރުކަޒާއި، ކ. އތޮޅުގެ ގުރައިދޫ، ހިންމަފުށި އަދި މާފުށީގެ ސިއްހީ މަރުކަޒުތަކުގައި މިހާރު 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ކަމަށާއި، އަތޮޅުތަކުގެ ސިއްހީ ހިދުމަތް ދެވޭ ތަންތަނުގެ ހިދުމަތުގެ ފެންވަރު ދެނެގަތުމަށް އިންސްޕެކްޓު ޓީމުތައް އެތަންތަނަށް ފޮނުވައި އޮޑިޓު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.