(20 ނޮވެމްބަރުގެ އަދަދާ ގުޅޭ)

އެކަމާވިދިގެން ކީރިތި ޤުރްއާނުގެسورة الأحزابގެ 35 ވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގެ އަޞްލު ރޫޙަކީ، އިސްލާމީ ނަޒަރިއްޔާއާއި، އިސްލާމީ ފިކުރާއި، އިސްލާމީ ޝަޚްޞިއްޔަތުގެ ވެރި މުސްލިމުންނަކީ ހަމަހަމަ ބައެއްކަން އެންގެވުމެވެ. އެބައިމީހުންގެ މެދުގައި އޮންނަންޖެހެނީ ގާތްކަމާއި، ލޯތްބާއި، ހިތްހެޔޮކަން ކަންބަޔާންކުރެއްވުމެވެ. އޭގެތެރެއިން އެއްބަޔަކީ، އަނެއްބަޔަކު ޤަދަރުކުރަންޖެހޭ ބައެއްކަން އެންގެވުމެވެ. ޢާއިލީ ބޮޑާކަމާއި، އިމްތިޔާޒާއި، ޖާހިލީ އަސަބިއްޔަތަށް ކުޑަވެސް ޖާގައެއް ނެތްކަން ބަޔާންކުރެއްވުމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކާ ކުފޫހަމަވާކަން އެންގެވުމެވެ.

ކީރިތި ޤުރްއާނުގެ މި އިރްޝާދުން އެކަނި ފުއްދައެއް ނުލެއްވިއެވެ.سورة الأحزابގެ 36 ވަނަ އާޔަތުގައި ވަކީން ޞަރީޙަކޮށް އެކަން އެންގެވިއެވެ. މާތްاللّـهއާއި އެކަލާނގެ ރަސޫލާ، ކަމެއް ވަކިގޮތަކަށް ކުރުމަށް އަންގަވާހިނދު، އީމާންވެގެންހުރި ފިރިހެނަކަށްވެސް އީމާންވެގެންހުރި އަންހެނަކަށްވެސް އެގޮތަކާ ޚިލާފަށް ތިމާމެންގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ޖާގައެއް ނެތްކަން އެންގެވިއެވެ. އެގޮތުން މާތްاللّـهއާއި އެކަލާނގެ ރަސޫލާއަށް ނުކިޔަމަންތެރިވާ މީހުން އެދަނީ ފާޅުވެގެންހުރި މަގުފުރެދުމަކުން މަގުފުރެދިގެންކަން ބަޔާންކުރެއްވިއެވެ. އަރަހުށި މާތްاللّـهމުސްލިމުންގެ މެދުގައި ހުޅުއްވައިލެއްވި ކާވެނީގެ ހަމަހަމަކަމުގެ ދޮރު، މުސްކުޅި ޖާހިލިއްޔަތުގެ މިންގަނޑުތަކަށް އަހަންމިއްޔަތުދީ ބަންދުކުރުމަކީ ގޮތްދޫނުކުރުންކަން އެންގެވިއެވެ. އެފަދަ ބޯހަރުކަމާއި ގޮތްދޫނުކުރުމުގެ އެންމެފަހުގެ ނިމުމަކީ، މަގުފުރެދުންކަން އެންގެވިއެވެ.

السّيّدة زينبގެ ޢާއިލާގެ ބޭފުޅުންނަށް މި ދެއާޔަތް އަޑުއިވިވަޑައިގަތުމުން، އެ ދެ އާޔަތުގެ މަފްހޫމް ވިސްނިވަޑައިގެންނެވިއެވެ.زيدގެފާނާއި،زينبގެ ކާވެނިފުޅާ ރުހިވަޑައިގެންނެވިއެވެ. މާތްކަމާއި މޮޅުދެރަކަމުގެ ޖާހިލީ މިންގަނޑު ފުނޑުފުނޑުވީކަހަލައެވެ.زيد بن حارثة رضى اللّـه عنــهގެ ފަރާތްޕުޅުން މިކާވެނިފުޅުގެ ކީރަން އަދާކުރެއްވީވެސް ޚުދު ކައުސާހިބާصلّى اللّـه عليه وسلّمއެވެ. އޭގެއިތުރަށް ކާވެނިފުޅާ ގުޅިގެންزينبއަށް އަރުވަންޖެހޭ ހެދުންކޮޅުވެސް ދެއްވީ ކައުސާހިބާއެވެ. އެދެކަނބަލުން ދިރިއުޅުއްވާނެ ގެއެއް ހަމަޖައްސަވައިދެއްވައި، އެގެއަށް ގެވެހިކަންވާރުވެސް ހޯއްދަވައިދެއްވިއެވެ. ނަމަވެސް ކާވެނިފުޅަށްފަހުވެސް އެދެމަފިރިކަނބަލުންނަށް އެކުއުޅުއްވޭގޮތެއް ނުވިއެވެ. ދެކަނބަލުންގެ މިޒާޖުފުޅާއި ޚިޔާލުފުޅުގެ ތަފާތު، އޭގެ ގޮތުގައި ދެމިއޮތެވެ.

އެހައިތަނުން، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ޝަކުވާތައް ހުށަހެޅޭން ފެށިއެވެ. މައްސަލަތައް ޙައްލުވެ، ގޮށްތައް މޮހެވުމުގެ ބަދަލުގައި، ދުވަހެއް ދުވަހަކަށް އައީ ހަމަނުޖެހުންތައް އިތުރުވަމުންނެވެ. ބޮޑެތިވަމުން، ފުޅާވަމުންނެވެ. އެންމެފަހުންزيد بن حارثة رضى اللّـه عنــه، السّيّدة زينب رضى اللّـه عنــهاވަރިކުރައްވަން ޤަޞްދުކުރައްވައި، އިތުރު ސާހިބާصلّى اللّـه عليه وسلّمއާ މަޝްވަރާ ކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަމާ ނުހަނު ކަންބޮޑުވެވަޑައިގެންނެވިއެވެ. މުޖްތަމަޢުގައި އިސްލާމީ ހަމަހަމަކަމުގެ މިސާލެއް ޤާއިމުކުރެއްވުމުގެ އިންޤިލާބީ ފިޔަވަޅެއްގެ ގޮތުން، އެމާތް ސާހިބާ ކޮށްދެއްވި ކާވެނިފުޅެއް ރޫޅޭން އުޅޭތީއެވެ. އެކާވެނިފުޅަކީ، ކައުސާހިބާގެ މަޝްވަރާއާއި ބާރުއެޅުއްވުމުގެ އިތުރަށް، މާތްاللّـهގެ މަގުދެއްކެވުމާއި، އިރްޝާދު ދެއްވުންވެސް ހިމެނޭ ކާވެނިފުޅަކަށްވާތީއެވެ. އެކާވެނިފުޅުގައިزيدގެ ފަރާތްޕުޅުން ބެލެނިވެރިޔަކަށް ހުންނެވީވެސް ޚުދު ކައުސާހިބާ ކަމުގައިވާތީއެވެ. އެހެންކަމުން، އެކާވެނިފުޅު ރޫޅުނަނުދެއްވުމަށް، އިތުރު ސާހިބާ ތަކުރާރުކުރައްވައި މަސައްކަތްޕުޅު ކުރެއްވިއެވެ. އަނބިކަނބަލުން ވަރިނުކުރެއްވުމަށާއި، މާތްاللّـهއަށް ތަޤްވާވެރިވެވަޑައިގަތުމަށްزيدއަށް ނަސޭހަތްދެއްވައި އިރްޝާދު ދެއްވިއެވެ.(سورة الأحزاب: 37)ނަމަވެސް އެންމެފަހުގެ ނިމުމަކަށްވީ،زيد بن حارثة رضى اللّـه عنــه، السّيّدة زينب رضى اللّـه عنــهاވަރިކުރެއްވުމެވެ. މިކާވެނިފުޅުގެ ނަތީޖާއެއްގެގޮތުން،زيد بن حارثة رضى اللّـه عنــهގެ ހިތްޕުޅުގައިވެސް ޝަކުވާތަކެއް އުފެދުމަކީ ޠަބީޢީކަމެކެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ބޮޑުދައިތާފުޅުأمّ حكيم بيضاء بنت عبدالمطّلبގެ ދަރިކަނބަލުންأروى بنت كريزގެ ދަރިކަނބަލުންالسّيّدة أمّ كلثوم بنت عقبة رضى اللّـه عنــهاއާزيد بن حارثة رضى اللّـه عنــهއާ ކާވެނިކޮށްދެއްވިއެވެ.

އަނެއްކޮޅުން މިކާވެނިފުޅާ ގުޅިގެން ޚުދުالسّيّدة زينبއާއި އެކަމަނާގެ ޢާއިލާގެ ބޭފުޅުންގެ ހިތްޕުޅުގައި އުފެދުނު ޝަކުވާތައް ޙައްލުކުރެއްވޭނެ ހަމައެކަނި ގޮތަކަށްއޮތީ، ޚުދު ކައުސާހިބާصلّى اللّـه عليه وسلّم، السّيّدة زينبއާ ކާވެނިބައްލަވައިގެންނެވުމެވެ.

السّيّدة زينب رضى اللّـه عنــهاއާއި އެކަމަނާގެ ޢާއިލާގެ ބޭފުޅުން ކުރީއްސުރެ ދެކެވަޑައިގަންނަވަމުން ވަޑައިގެންނެވި ހުވަފެންފުޅަކީ، ޚުދު ކައުސާހިބާصلّى اللّـه عليه وسلّم، السّيّدة زينبއާ ކާވެނިބައްލަވައިގެންނެވުމެވެ. މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައި ކަންއޮތްގޮތް ނުހަނު ސާފެވެ. ޝަރީޢަތުގައި މިކަމުގެ އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް، ކުރީގެ ޖާހިލީ އާދަކާދައާއި ޤަބޫލުކުރުންތަކުގެ ސަބަބުން އުފެދިގެން އަންނާނެކަން ޔަޤީންވާ ޕްރޮޕެގެންޑާގެ ޠޫފާނެއްގެ އެކަށޭނަކަން ވަރަށްބޮޑަށް އޮތެވެ.

ނަމަވެސް އަރަހުށި މާތްاللّـه سبحانه وتعالىގެ މިންވަރުފުޅުގައިވަނީ، ކުރީއްސުރެ ދެމެމުންއައި މުތަބަންނީ ކުރުމުގެ ސިލްސިލާ ޚުދު އިސްލާމްދީނުގެ ނަބިއްޔާ މެދުވެރިކުރައްވައި ނިމުމަކަށް ގެންނެވުމަށެވެ. މުތަބަންނީކުރުން އެކަށް މުލުން ލުއްސައިލެއްވުމަށެވެ.السّيّدة زينبގެ އާއިލާގެ ހިތްޕުޅު ހަމަޖައްސަވައިދެއްވުމުގެ އިތުރަށް، ކައުސާހިބާގެ ހިތްޕުޅުގައިވެސްވަނީ މުތަބަންނީންގެ ޚުރާފާތު އުވާލެއްވުމެވެ. ނަމަވެސް ޙާލަތު އޮތްގޮތުން، ކައުސާހިބާ ހުންނެވީ އެކަމާ ޖެހިލުންވެވަޑައިގެންފައެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمގެ ހިތްޕުޅުގައި ވަންހަނާކުރައްވައިފައިއޮތް މިދެންނެވި ބިރުފުޅު، ކީރިތި ޤުރްއާނުގެ ޒަރީޢާއިން ފާޅުކުރައްވައި އާއްމުކުރެއްވިއެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވަނީ، މިދަންނަވާގޮތަށެވެ.

"އަދިاللّـهފާޅުކުރައްވާނޭ ކަންތައް، ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅުގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން ޙައްޤުކަންބޮޑީاللّـهދެކެއެވެ."(سورة الأحزاب: 37)

އާދެ، މާތްاللّـهގެ ޝަރީޢަތުގައި ހުއްދަކުރައްވައިފައިވާ ކަމަކާމެދު ކައުސާހިބާصلّى اللّـه عليه وسلّمވިސްނައިވަޑައިގަންނަވާގޮތް، މީސްތަކުންގެ ޖާހިލީ ތަޞައްވުރުގެ ސަބަބުން ދައްކާނެ ވާހަކަތަކަކަށްޓަކައި ވަންހަނާކުރެއްވުމަކީ މާތްاللّـهރުހިވޮޑިގެންނުވާ ކަމެއްކަން އެންގެވިއެވެ. ހަމައެއާއެކު ބަޔާންކުރެއްވިއެވެ. މުއުމިނުން އެއުރެން އަމިއްލަޔަށް ދަރީންކަމުގައި ހަދައިގެންއުޅޭ މީހުންގެ އަނބީންގެ ކިބައިން އެއުރެންގެ ބޭނުމެއް ފުއްދައި ވަރިކޮށްފިހިނދު، އެއަންހެނުންނާ ކާވެނިކުރުމަކީ ފާފައެއް ނޫނެވެ.اللّـهގެ އަމުރުފުޅަކީ ތަންފީޒުވާންޖެހޭ ކަމެކެވެ.(سورة الأحزاب: 37)

މަޤްޞަދަކީ މުތަބަންނީކޮށް ކުރީއްސުރެ ދަރިންކަމުގައި ހަދައިގެންއުޅޭ "ދަރީން" ގެ ކަސްތޮޅުތަކުން މުއުމިނުން މިނިވަންކުރެއްވުމެވެ. އެހެންކަމުން،السّيّدة زينب رضى اللّـه عنــهاގެ ޢިއްދަ ހަމަވުމާއެކު، ޚުދު މާތްاللّـه سبحانه وتعالىއެކަލާނގެ ނަބިއްޔާއާالسّيّدة زينب رضى اللّـه عنــهاއާ ކާވެނިކޮށްދެއްވިއެވެ. އެކަލާނގެ އަންގަވައިފައިވަނީ، "ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ." މިފަދައިންނެވެ.(سورة الأحزاب: 37)

ކައުސާހިބާصلّى اللّـه عليه وسلّمއާއި،السّيّدة زينب بنت جحشކާވެނިފުޅާމެދު އެޒަމާނުގައި މަދީނާގެ މުނާފިޤުންނާއި، ޔަހޫދީންނާއި، އޭގެފަހުން އިސްލާމްދީނުގެ ދުޝްމިނުން، ދިގުކޮށް ފުޅާކޮށް ސިފަހުތުރުކޮށްގެން ފަތުރަމުންގެންދާ ބުހުތާން ދޮގުވާހަކައިގެ ޙަޤީޤަތަކީ މިއީއެވެ. މި ކާވެނިފުޅުވުމާއެކު، ކުރީންވެސް ދަންނަވައިފައިވާ ފަދައިން، އިސްލާމްދީނުގެ ދުޝްމިނުން އެވާހަކަ ހިފައިގެން ދުއްވައިގަތްއިރު ހީވީ، ބޯކެޔޮވަލަކަށް ހުޅުލީހެންނެވެ. "ޅީދަރިކަނބަލަކާ ހިތްޕުޅާ ހަމަކުރައްވައި އެކަމަނާ ވަރިކުރުއްވައިގެން ކާވެނިބައްލަވައިގެންނެވި" ކަމަށް ހަދައިގެން ވާހަކަ ފަތުރައިލިއެވެ. ޔަހޫދީންނާއި މުނާފިޤުން އޭގެކުރީން ދޮގުވާހަކަތައް ފަތުރަމުން، އިޢުތިރާޟުކުރަމުން ގެންދިޔައީ އިސްލާމްދީނުގެ އިޢުތިޤާދީ މައްސަލަތަކާއި، ޢިލްމުލްކަލާމާއި ފިޤުހީ މައްސަލަތަކާ މެދުގައެވެ. ނަމަވެސް، މިފަހަރު ހަޑިމުޑުދާރު ދޮގު ޕްރޮޕެގެންޑާއެއް ފަތުރައިލީ، ކައުސާހިބާصلّى اللّـه عليه وسلّمގެ މާތް ޚުލުޤުފުޅާ މެދުގައެވެ. އެމާތް ސާހިބާގެ ދިލައެއް މިލައެއްނެތް ރީތި ސުލޫކާ މެދުގައެވެ.

(ނުނިމޭ)