ޒުވާނުންނަށް 70،000 ވަޒީފާ ތަނަވަސް ކޮށްދީފައިވާ ކަމަށް ސަރުކާރުން ބުނި ކަމުގައި ވިޔަސް އެކަން ގަބޫލު ނުކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޒުވާނުން ރޫހުގެ ރައީސް މުހައްމަދު އަޒްމީލް ވިދާޅުވީ މިއަދުގެ ސަރުކާރުން އަންނަނީ ޒުވާނުންނަށް އޮޅުވާލަމުން ކަމަށާއި ޒުވާނުންނަށް 70،000 ވަޒީފާ ތަނަވަސް ކޮށްދިން ކަމަށްވާ ނަމަ އެ ހެދުނީ ދުނިޔޭގެ ރިކޯޑެއް ކަމަށެވެ.

"ސަރުކާރުގެ އެތެރޭގެ ކޯޅުންގަނޑުގެ ސަބަބުން ޒުވާނުން ފިތެމުން ދާތަން ފެނިގެން މިދަނީ. ސަރުކާރުން އެތައް ހާސް ވަޒީފާތަކެއް ޒުވާނުންނަށް ހޯދާދިން ވާހަކަ ބުނާއިރު އަޅުގަނޑުމެން ބޭރަށް ނިކުތުމުން ފެނިގެން މިދަނީ މުޅިން ތަފާތު މަންޒަރުތަކެއް. ޒުވާނުން ވަޒީފާ ހޯދުމަށް ސަލާން ޖަހަމުން ވަޒީފާއެއް ނުލިބިގެން އުޅޭ މަންޒަރު." އަޒްމީލް ވިދާޅުވި އެވެ.

އަޒްމީލް ވިދާޅުވީ ސަރުކާރުން އެފެއްދި ވަޒީފާތަކުގެ ތަފްސީލާއި ވަޒީފާ ދިނީ ކޮން ކުދިންނަކަށް ކަމާއި ތަނުގެ މައުލޫމާތު ހާމަނުކޮށް އެ ދައްކަވަނީ މުޅިން ހަގީގަތާ ހިލާފު ވަހަކަތަކެއް ކަމަށާއި ޒުވާނުންނަށް މި ސަރުކާރުގައި އެއްވެސް ރައްކާތެރި ކަމެއް ނެއް ކަމަށެވެ.

"ޒުވާނުން ނަށް އެއްވެސް ކަހަލަ އިޖްތިމާއީ ރައްކާތެރިކަމެއް ލިބިގެންދާ ތަނެއް މިސަރުކާރުގެ ތެރެއިން ފެންނާކަށް ނެތް. ޒުވާނުން ނަށް ހަމަލާ ދިނުމާއި ޒުވާނުން ގެއްލެން މި ފެނިގެންދަނީ. އެއްވެސް ކަހަލަ ޔަގީން ކަމައް ނުހުރޭ ރޭގަނޑު ބޭރަށް ނިކުމެފަ ގެއަށް ވަދެވޭނެ ކަމުގެއެއް."

އަޒްމީލް ސަރުކާރުގެ އެ ވާހަކަތައް ދޮގު ކުރިއިރު ޒުވާނުންގެ އެވޯޑް ދިނުމަށް ޒުވާނުންގެ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެފައި ވަނީ 5 އަހަރު ތެރޭގައި 94،000 ވަޒީފާ އުފެއްދުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން މިހާރު 70،000 އަށް ވެރެގިނަ ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްފައިވާ ކަމަށެވެ.

މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ދެ އަހަރު ތެރޭ 5709 ވަޒީފާ ތަނަވަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވަނީ އޭރި ސަރުކާރުން އުފައްދާފައިވާ ކަމަށް ބުނި 42،000 ވަޒީފާ ދިން ޒުވާނުންގެ މައުލޫމާތު ހޯދަން ރައީސް އޮފީހަށް ސީޓީއެއް ވެސް ލާފަ އެވެ.